Home » » މުސްލިމް ޔަތީމް ހާނާގެ ވާހަކަ - ފުރަތަމަ ބައި

މުސްލިމް ޔަތީމް ހާނާގެ ވާހަކަ - ފުރަތަމަ ބައި

Written By Afey Afra on Friday 2 January 2015 | 19:45

އެތަނުގެ ގޯތިތެރެ ، ފޮޓޯ: މުޙައްމަދު މާއިޒް







"އައްސަލާމްއަލައިކުމް" "އައްސަލާމްއަލައިކުމް"  މިއީ އަޅުގަނޑަށް ފުރަތަމަ އިވިގެންދިޔަ އަޑުތަކެވެ. މިއީ މައިސޫރުގައި ހުރި މުސްލިމް ޔަތީމް ފިރިހެން ކުދިން ބަލަހައްޓާ  ޔަތީމްހާނާއެއްގެ ވާހަކައެވެ. މަޣުރިބު ނަމާދަށް ދިޔުމަށް އަވަސްވެގަނެގެ، ފަހަރަކު ކުއްޖަކު އަޅުގަނޑައި އަރާހަމަވުމަށްފަހު ސަލާމް ގޮވާލިއެވެ. ފަސްދޮޅަހަކަށް ފަހަރުގެ ސަލާމްގެ އަޑާއި އެކު އެފަސްދޮޅަސްކުދިން ގޮސްވަނީ ގޯތިތެރޭގައި ހުރި މިސްކިތަށެވެ.

ޔަތީމުންނަކީ ކޮބާ
އެތަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތްކަމަށްވާ ޕްރޮފެސަރ އިފްތިހާރު އާއި އަޅުގަނޑު އެންމެ ފުރަތަމަވެސް ކުރި ސުވާލަކީ އެއީ ކޮންކުދިނެއްތޯއެވެ. އެނާގެ ޖަވާބުގައި ބުނީ އެއީ ޔަތީމުން ކަމަށެވެ.  މިތަނުގައި އެނޫން އެހެން ކުއްޖެއް ނުވެއެވެ. އަދިވެސް އޭނާ އިތުރަށް ވިދާޅުވިއެވެ. " އިސްލާމް ދީނުގައި ޔަތީމުންނަކީ ބައްޕަ ނިޔާވެފައި ނުވަތަ ބައްޕަ ވީނުވީތަނެއް ގެއްލިފައި ތިބި ކުޑަކުދިން" މިއީ އޭނަ ވިދާޅުވި ޖުމުލައިގެ ތަރުޖަމާއެވެ.

އަޅުގަނޑު އެތަނަށްވަދެ އެތަނާއި މެދު ކުރި ސުވާލުތަކަށް އިފްތިހާރު ޖަވާބު ދެއްވީ ނުހަނު ފަހުރުވެރިކަމާއި އެކުވެ. އަދި އެތަން ހިންގަމުންގެންދާ ނިޒާމަކީ ރަނގަޅު މޮޑެލް އެއްކަމަށް ބުނުމުން އެކަމާ އުފާކޮށް ޝުކުރުވެރިވިއެވެ. މައިސޫރުފަދަ އާދައިގެ ސިޓީއެއްގެ އެއްކަނުގައި ހުރި މިފަދަ ޔަތީމްހާނާއެއްގައި އިންނެވި ބޭފުޅަކު މާލެ ފެނަށް ޖެހުނު ވާހަކަ އައްސަވާ އެހަބަރު އޮޅުންފިލުވުމުން ލިބުނު ހައިރާންކަން ވަކި ކުޑައެއްނޫނެވެ.


ހުރިހާކުދިންވެސް ވަކި އުސޫލަކަށް ތަބާވަންޖެހޭ
އެތަނުގައި ވަކި އުސޫލުތަކެއްވެއެވެ، ވަކި ހަމަތަކެއް ހިފަހައްޓަންޖެހެއެވެ، ކަންކަން ކުރާއިރު ވަކި ގަވާއިދަކުން ކުރުމުގެ ތަރުބިއްޔަތު އަށަގަންނަވައެވެ. ކޮންމެ ދުވަހެއްގެވެސް ފަތިސް ނަމާދު ވަގުތުވާއިރު ހުރިހާކުދިންވެސް ތިބެންޖެހޭނީ ރެޑީގައެވެ. ނަމާދަށްފަހު ކޮންމެ ދުވަހަކުވެސް އެއްގަޑި އިރު މިސްކިތުގައި މަޑުކުރަން ޖެހެއެވެ.

މިގަޑިއިރުގެ ތެރޭގައި ކުރިއަށްދަނީ ދީނީ ތަރުބިއްޔަތު އަށަގެންނެވުމާއި، ތަފާތު ދަރުސްތައް ދިނުމެވެ. މީގެއިތުރުން ބައެއްދުވަސް ދުވަހަކީ ގުރުއާން އުގަންނައި ދިނުމަށާއި  ގުރުއާން ކިޔެވުމަށް ހާއްސަ ކުރެވޭ ދުވަސް ދުވަހެވެ. އެއަށްފަހު ހުރިހާކުދިންވެސް ތައްޔާރުވަމުންދާނީ ސްކޫލްގެ ފޮތްތައް ރެޑީކުރުމަށާއި ސްކޫލަށް ދިޔުމަށެވެ، ސައިބުއިމަށްފަހު ލަންޗް ބޮކްސް ޕެކްކޮށްގެން އެކުއްޖަކު ދާންޖެހޭ ސްކޫލަށް ދިޔުން އޮންނަނީ ހެނދުނު 8:30 ހައި 9:30 އާއި  ދެމެދުއެވެ. ބޮޑަތި ކުދިން ފިޔަވައި ދެންތިބި ހުރިހާ ކުދިންވެސް ދާނީ އެއްކުއްޖެއްގެ ސްކޫލުގެ ބަސް އެތަނަށް އައުމުން ބަހުގައެވެ.

އެއަށްފަހު ހަވީރު ހަތަރު ގަޑި ބަޔާއި ދެމެދު އެތަނަކީ "ފަޅު" ތަނެކެވެ. ސްކޫލަށް ދިޔުމަށްފަހު ހުރިހާ ކުދިން ޖަމާވާ އެންމެ ފަހު ވަގުތަކީ 4:30 އެވެ. އެއަށްފަހު އެކުދިންނަށް އޮންނަނީ ކުޅިވަރު ކުޅުމެވެ، އެއްބަޔަކު ފުޓުބޯޅައެވެ. އަނެއްބަޔަކު ބެޑްމިންޓަން މިހެންގޮސް ތަފާތު ކުޅިވަރު ކުޅެވޭނެ ތަކެއްޗާއި ވަސީލަތްތައް އެތަނުގައި ވަނީ ގާއިމްކޮށްދީފައެވެ.

ނިދާތަނާއި ގޯތިތެރޭގައި ހުންނަ މިސްކިތާއި ދެމެދު ހުންނަނީ ގާތްގަނޑަކަށް ސަތޭކަވަރަކަށް ފޫޓެވެ. ކުޅެނިންމުމަށްފަހު ބަންގި ގޮވަންވާއިރަށް ހުރިހާކުދިންވެސް ތައްޔާރުވެއެވެ. އެއަށްފަހު ދަނީ މިސްކިތަށެވެ.


ދެނަމާދު ދޭތެރޭގައި އޮންނަނީ ސްކޫލުންދޭ ފިލަވަޅުތައް ހެދުމާއި ފިލާވަޅުތައް ކިޔެވުމެވެ. މިވަގުތުގައި ކުދިން ތިބެނީ ސްކޫލުގައި ތިބޭ ފަދައިން ވަކި ކުލާސް ރޫމެއްގައި ކިޔެވުމަށެވެ. ކުޑަކުދިން ވަކި ރޫމެއްގައެވެ. ބޮޑަތިކުދިން ވަކި ރޫމެއްގައެވެ. އެކިއެކި ފުރައިގެ ކުޑަކުދިން އުޅޭ ތަނަކަށްވަތީ ސަކަރާތްޖެހުމާއި ކިޔެވުމުން ބޭރު ކަންކަންވެސް ކުދިންގެ މެދުގައި ހިނގާފަނެ ކަމަށްޓަކައި ބަރާބަރަށް މޮނިޓަރ ކުރަމުންދެއެވެ. މޮނިޓާރކުރުމަށްޓަކައި ކުލާސް ރޫމް ކުރިމައްޗަށް ހުއްޓޭ ކޮންމެ ފަހަރަކު ހަރުއަޑުން ހުރިހާކުދިން އެއްފަހަރާއި ސަލާމް ގޮވާލައެވެ. އިޝާނަމާދު ޖަމާއަތުގައި ކުރެވޭ ވަގުތަކީ ރޭގަނޑު 8:30 އެވެ.  ނަމާދު ވަގުތު ކުރިންޖެހުނު ކަމުގައި ވީނަމަވެސް ކޮންމެ ރެޔަކުވެސް އިޝާނަމާދުގެ ޖަމާއަތަށް ވަކިވަގުތެއް ކަނޑައެޅިފައިވަނީ އެކުދިންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މިމިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމަށް ބޭރުންވެސް އައިސް ގިނަބަޔަކު ބައިވެރިވެއެވެ.

ނަމާދަށްފަހު ހުރިހާކުދިންވެސް ދަނީ މެސްރޫމަށެވެ، މެސްރޫމަށްގޮސް ކެއުމަށްފަހު ޖޫނިއާ ކުދިން ނިދަންވަންނަ އިރު ސީނިއާ ކުދިން (މަތީ ކުލާސްތަކުގައި އުޅޭ ކުދިން) ފިލާވަޅުތައް ކިޔަން ބޭނުންނަމަ 10:30 ވަންދެން ތިބެވެއެވެ.

ބަންދު ދުވަސްތަކުގައި ތަފާތު ޕްރޮގްރާމެއް
ބަންދު ދުވަސްތަކުގައި ކުޑަކޮށް ޕްރޮގްރާމް ތަފާތެވެ. ފަތިސްނަމާދަށްފަހު މިސްކިތުގައި ހޭދަކުރާ އެއްގަޑިއިރަށްފަހު ހުރިހާކުދިން ނިދަން އަރައެވެ. ގަޑިއެއްހާއިރު ނިދުމަށްފަހު އަނެއްކަވެސް ކުޅިވަރު ކުޅެން ނިކުންނަށް ޖެހެއެވެ. ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ހުރިހާ ކުދިންވެސް ކުޅިވަރު ކުޅުމަކީ އެތަނުގައި ކުރަންޖެހޭ ކަމެކެވެ.
ސްކޫލަށް ނުގޮސް ތިބޭ ދުވަހަކަށްވާތީ މެންދުރު ނަމާދާއި އަސުރު ނަމާދާއި ދެމެދުވެސް ކުރެވެނީ މުހިންމު ކަމެކެވެ. ދުނިޔެއަށް ހޭލެއްވުމަށްޓަކައި ބޭރުން މީހުން ގެނެސްގެން ތަފާތު އެވެއަރނަސް ޕްރޮގްރާމްތައް ހިންގެއެވެ.

މިހާހިސާބުން ފާހަގަކުރެވުނު ކަމަކީ ކުދިން ވަކިގޮތަކަށް ތަރިބިއްޔަތުކޮށް އަމިއްލަ ދިރިއުޅުމުގައިވެސް ވަކިނިޒާމެއް ހަރުލެއްވުމަށް އެތަނުގައި އުސޫލުތަކެއްވާކެމެވެ. ދީނީ ތައުލީމާއި ރަސްމީ މަދަނީ ތައުލީމު އަދި ފަންނީ ތައުލީމުވެސް އެކުދިންނަށް ލިބޭކަމެވެ.

ދެންކުރިއަށް އޮތް ސުވާލަކީ ބައްޕަ ނިޔާވެފައި ވިއަސް އެކުދިންގެ މައިން ކޮބާހެއްޔެވެ، މިކުދިންގެ އަސާސީ ބޭނުންތައް ފުދެނީ ކީހާވަރަކަށްހެއްޔެވެ، އެކުދިންނަށް މިތަނުން ހަރަދު ކުރަނީ ކިހާވަރެއްހެއްޔެވެ، އަދި މިތަން ހިންގުމަށް ފައިނޭސް ކުރަނީ ކޮންތަނަކުންހެއްޔެވެ، މިކުދިން މިތަނުން ނިކުމެގެން ދެން ކުރަންޖެހެނީ ކޮންކަމެއްހެއްޔެވެ.

މިސުވާލުތަކުގެ ޖަވާބާއި، ފެނުނު އާދަޔާއި ހިލާފް ބަލާފޫހި ނުވާކަހަލަ ރިވެތި މިސާލެއްގެ ވާހަކަ ދެން އަންނަ ބައިގައި ހިމަނާލާނަމެވެ.


"ނިކަމެތި ދަރިންކޮޅެއް އެއުރެންގެ ފަހަތަށް ދޫކުޅަނަމަ، އެކުދިންގެ މައްޗަށް ބިރުވެތިވާ ފަދައިން، އެއުރެން (اللَّه އަށް) ބިރުވެތި ވާހުށިކަމެވެ! އަދި، އެއުރެން اللَّه އަށް تقوى ވެރިވާހުށިކަމެވެ! އަދި، إنصاف ވެރި ސީދާ ބުނުމެއް އެއުރެން ބުނާހުށިކަމެވެ! (އައްނިސާ - 9)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved