Home » , » ތަރައްޤީނުވާ ގައުމުތަކަކީ ދުނިޔޭގެ އިގުތިސާދުގެ ކުރިމަތީގައި އަޅުން

ތަރައްޤީނުވާ ގައުމުތަކަކީ ދުނިޔޭގެ އިގުތިސާދުގެ ކުރިމަތީގައި އަޅުން

Written By Afey Afra on Monday 8 December 2014 | 22:17






އިޤުތިސާދީ އިލްމުގެ އެއްބާނީ އެޑަމް ސްމިތު އޭނާގެ މަސްހޫރު ތިއަރީއެއްކަމަށްވާ "ނެޗުރަލް ލޯ" ގައި އޭނާ ގަބޫލު ކޮށްފައިވަނީ އިގުތިސާދީ މައިދާނުގައި އިންސާނާ ކުރާ ކޮންމެ މަސައްކަތެއްވެސް އަދި ކޮންމެ ހިދުމަތެއްވެސް ދޭނީ އެމީހެއްގެ އަމިއްލަ ފައިދާއަށް ކަމަށެވެ. ކޮންމެ މީހެއްގެ އެމީހެއްގެ އަމިއްލަ ޖީބު ބޮޑުކުރަމީ އިގުތިސާދީ މަސައްކަތުގެ މައިގަނޑު އަސާސެއްގެ ގޮތުގައި ޕްރޮފެސަރ ސްމިތުގެ "ޠަބީޢީ ގާނޫނުގެ" ނަޒަރިއްޔާތުގައި ހާމަކޮށްފައިވެއެވެ. ރޮށިފިހާ މީހާ ރޮށި ފިހަނީ މީހުންނަށް ކާންދެން ކަމުގައި ކާމީހުންނަށާއި ފެންނަ މީހުންނަށް ހީވިއަސް އޭނާ އެމަސައްކަތްކުރަނީ އޭނާގެ އަމިއްލަ ކަންކަން ދުނިޔޭގައި ފުރިހަމަކޮށް ދިރިހުރެވޭނޭ މަގެއް އެމަސައްކަތުގައި ވާތީކަމަށް ސްމިތު މިސާލެއްގެ ގޮތުން ވިދާޅިވިއެވެ. އޭނާ އެކަން ސިފަކޮށްފައިވަނީ "އިންވިޒިބަލް ހޭންޑް" ގެ ގޮތުގައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު އޭރު ދުނިޔޭގައި ތިބި ބޮޑަތި އިޤުތިސާދީ މާހިރުންގެ ލޯ އަމާޒުވެގެން ދިޔަ އެއްބަޔަކީ ތަރައްޤީ ނުވާ ނުވަތަ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމަތަކަށެވެ. މިގައުމުތަކުގައި އިނދަޖެހިފައި އޮތް އިޤުތިސާދު ކޮޅަށްޖެހުމަށް ތަފާތު ނަޒަރިއްޔާތުތައް ހިފައިގެން މަސައްކަތްކުރިއެވެ. އެންމެ ބޮޑު އެއް އަމާޒެއްގެ ގޮތުގައި ބެލެވުނީ އެފްރިކާ އަދި އޭޝިއާގެ ގައުމުތަކުން ފަގީރުކަން ނައްތާލުމެވެ. އެހެނަސް މިއަދާއި ޖެހެންދެންވެސް އެކަށީގެންވާގޮތަށް ހިއުމަން ވެލްފެއަރ ތަރައްޤީ ކުރުމަށް މިބައިމީހުން ނުކުޅެދިފައިވާތީ މިފަދަ ކަންކަމަކީ ސިޔާސީ ފައިދާއަށް ކުރެވުނު ކަންކަންކަމަށް ފަހުގެ މުރާސިލުން ބުރަވެއެވެ.

މީގެއިތުރުން ތަރައްޤީނުވާ ގައުމުތަކަށް އަޅާލުމުގައި  އެންމެ ބޮޑު ޝައުޤުވެރިކަމެއް ފެނިގެން ދިޔައީ ކުރީގެ ޔޫއެސްއެސްއާރު އާއި އެމެރިކާ އާއި ދެމެދު ކުރެވުނު ފިނި ހަނގުރާމައިގެ ތެރޭގައެވެ. މިހަނގުރާމައާއި އެކު ޔޫއެސްއެސްއާރު އަދި އެމެރިކާގެ ވާދަވެރިކަމާއި އެކު އެއްބަޔަކަށްވުރެ ގިނައިން އަނެއްބަޔަކު އެހީވުމަށް ގިނަ ދުވަސްތަކެއް ވަންދެއް ތަރައްޤީނުވާ ޤާއުމުތަކަށް އަމާޒުކުރެވުނެވެ.

އިޤުތިސާދީ ތަރައްޤީގައި ދިނުމާއި ލިބިގަތުން މިދެބައި ހިމެނިގެން ދާއިރު ތަރައްޤީ ނުވާގައުމުތަކުގެ އެންމެ ބޮޑު ބޭނުނަމީ ފަޤީރުކަން ނައްތާލުމާއި އެކު އެބައިމީހުންގެ އުފެއްދުންތައް ދުނިޔޭގެ ކުރިއަރާފައުވާ ގައުމުތަކުގެ ބާޒާރަށް ނެރެ އިޤުތިސާދާއި، ގައުމީ ތަރައްޤީގެ ދުވެލި ކުރިއެރުވުމެވެ. މިފަދަ ވިޔަފާރީގެ މުއާމަލާތްތަކުގައި ތަރައްޤީވެފައިވާ ގައުމެއްގެ ބޭނުމަކަށްވާންވަނީ އެމީހުންގެ އިގުތިސާދު މަޑުޖެހުނަނުދީ ކުރިއަށް ގެންދިޔުމުގައި ދާއިރާ ފުޅާކުރުމެވެ. މިއީ މިކަން ވާންޖެހޭ ގޮތެވެ.

ނަމަވެސް ތަރައްޤީވެފައިވާ ޤައުމުތަކާއި އެކު ކުރެވިފައިވާ ތަޖުރިބާތަކަށް ބުރަވާއިރު ދުނިޔެއިން ފަޤީރުކަން ނައްތާލުންފަދަ ކަންކަމުގައި އެދެވޭ ނަތީޖާ ނިކުމެފައެއް ނުވެއެވެ. ތަރައްޤީނުވާ ގައުމުތަކަށް އަދިވެސް އިޤުތިސާދީ ގޮންޖެހުންތައް ހުރުމާއި އެކު ތަރައްޤީވެފައިވާ ޤައުމުތަކުން ބޭނުންވާ ބޭނުންތައް ފުދެމުންދާތީ ޕޮލިޓިކަލް އިކޮނޮމިސްޓުން ސިފަކުރަނީ އެފަދަ އެހީތެރިކަމަކީ ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން ދުނިޔޭގެ ނުވަތަ ވަކި ސަރަހައްދެއްގެ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ. ބޮޑަތި ޤައުމުތަގުގެ ބޭނުމަކީ ދިފާއީ ވިސްނުމެއްގެ ތެރެއިން ކުދިގައުމަތަކަކީ އެމީހުންގެ އައްޑަނައިގެ ގޮތުގައި ހަދާ ތަފާތު ދިފާއީ މަރުކަޒުތައް ދުނިޔޭގެ ދިމަދިމާގައި ފެތުރުމެވެ. އަދި މިއާއިއެކު މިފަދަ ގައުމުތަކުގައި ޓެކްނޮލޮޖީގެ ދައްކަމާއި އެކު ބޭނުންނުކުރެވި ހުރި ގިނަގުނަ ގުދުރަތީ ވަސީލަތްތަކަށް ދަހިވެތިވެ ކުޅުދިޔާވަމުން ދާތީ އެފަދަ ވަސީލަތްތައްކަށް އަތްގަދަކުރުން ކަމުގައި މާހިރުން ސިފަކުރެއެވެ.

އެހެން ކަމުން ތަރައްޤީގެ ނަމުގައި ދެގައުމެއްގެ ދެމެދުގައި ކުރެވޭ މުއާމަލާތްތަކުގައި އެޑަމް ސްމިތު ވިދާޅުވެފައިވާ ފަދަ "އިންވިޒިބަލް ހޭންޑް" ފޮރުވިފައިވާ އަތެއް ވާނެއެވެ. ނަމަވެސް ހަޤީޤަތަކީ ދެގައުމެއްގެ ދެމެދުގައި މުއާމަލާތްކުރެވޭނީ ދެފަރާތައްވެސް ފައިދާތަކެއް ކުރާނެގޮތަށެވެ. މިފަދަ ޕްލޭން ތަކުގައި ގިނަފަހަރަށް އޮންނަނީ ދޭމީހާއަށް ދިގުމުއްދަތަކުން އެބައިމީހުން ބޭނުންވާ ލަނޑުދަނޑި ނުސީދާ ގޮތަކުން ހާސިލްވެގެން ދާއިރު، ލިބިގަންނަ ފަރާތަށް ވަގުތުން ނުވަތަ އަވަހަށް އެބައިމީހުން ބޭނުންވާ މުހުތާދެއް ފިލުވޭގޮތަށެވެ.

ޔަޤީނުންވެސް މަޔަކާއި ދަރިއަކާއި އޮންނަ ގުޅުން ދެގައުމެއްގެ އިގުތިސާދީ އަދި ސިޔާސީ ގުޅުމުގެ ތެރޭގައި ނޯންނާނެއެވެ. އެޑަމް ސްމިތު ވިދާޅިވި ނެޗުރަލް ލޯ މިފަދަ ކޮންމެ ނާރެހެއްގައިވެސް އޮންނާނެކަމުގައި ޔަޤީން ކުރަން ޖެހެއެވެ.

ފެންނަ އޮތް ހަޤީޤަތަކީ ކަންކަން ކޮންމެގޮތަކަށް އޮތްކަމުގައި ވީނަމަވެސް ތަރައްޤީނުވާ ޤައުމަކަށް ކުރިއެރުން ލިބެން އަންނަނީ ތަރައްޤީ ވެފައިވާ ނުވަތަ އެގައުމަކަށްވުރެ ބޮޑު އަދި ވަސީލަތްތައް ގިނަ އިޤުތިސާދަކާއި ދިމާލައް އަތްދިކޮށްލަގެން އޮވެގެންނެވެ. އެހެންކަމުން ތަރައްޤީ ނުވާ ނުވަތަ ތަރައްޤީ ވަމުން އަންނަ ޤައުމަތަކަކީ ދުނިޔޭގެ އިޤުތިސާދުގެ ކުރިމަތީގައި އަޅުންނަށް ނުވިއަސް "ސަލާން ޖަހާމީހުން" ނެވެ.
ހާރިޖީ ސިޔާސަތުގެ ތެރެއިން އިޤުތިސާދީ އަދި ސިޔާސީ ގުޅުން ދެގައުމެއްގެ ދެމެދުގައި ބޭއްވޭ މައިގަނޑު މަޤުސަދަކީ ހަމަޖެހުމާއި ތަރައްޤީއާއި ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފަސޭހަތަކަކެވެ. ސިޔާސީ އަދި އިސްތިޤުލާލީ ގޮތުން އެގައުމަކީ މިނިވަން ގައުމެއް ކަމުގައި ކަނޑައެޅުނުކަމުގައި ވިއަސް އިޤުތިސާސީ ގޮތުން ވިސްނާއިރު މިނިވަން ގައުމެއް ދުނިޔޭގައި ނެތެވެ. އެހެން ނޫންނަމަ ބައިނަލް އަޤުވާމީ ބާޒާރުގައި ތަރައްޤީވެފައިވާ ޤައުމުތައް ހަރަކާތްތެރިވުމުގެ މާނައެއް ނެތެވެ.

Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved