Home » » ދުނިޔޭގެ ޤާނޫނު އަސާސީތަކުން "ހެބިއަސް ކޯޕަސް" އަށް ނަޒަރެއް

ދުނިޔޭގެ ޤާނޫނު އަސާސީތަކުން "ހެބިއަސް ކޯޕަސް" އަށް ނަޒަރެއް

Written By Afey Afra on Sunday 9 February 2014 | 01:38

ހެބިއަސް ކޯޕަސް އަކީ، އެއްވެސް މީހަކު ހައްޔަރުކޮށްފި ނަމަ އެމީހާ ހައްޔަރު ކޮށްފައިވާ ހައްޔަރުކުރުމަކީ ޤާނޫނާ ހިލާފަށްތޯ ނުވަތަ ޤާނޫނާ އެއްގޮތަށްތޯ ސާފުކުރުމަށް ކޯޓަށް ހުށަހަޅާ ހުށަހެޅުމަށް ނުވަތަ ހުށަހަޅާ ލިޔުމަށް ކިޔާ ޤާނޫނި ބަހެކެވެ. ދިވެރި ރާއްޖޭގެ ޤާނޫނު އަސާސީގެ 45 އަދި 48 ވަނަ މާއްދާއިން ހެބިއަސް ކޯޕަސްގެ ހައްޤު ދިވެހިރައްޔިތުންނަށް ލިބިދެއެވެ.

ހެބިއަސް ކޯޕަސްގެ ތާރީޚަށް ބަލާއިރު ހެބިއަސް ކޯޕަސްގެ ހައްޤު ކެނެޑާއަށް ތާއާރަފްވެ ބޭނުން ކުރަންފެށިފައިވަނީ އިނގިރޭސިވިލާތުގެ ގާނޫނީ ނިޒާމްގެ ތެރެއިންލާފައެވެ. މި ހައްޤު އާއްމު ޤާނޫނުގަޔާއި އަދި ޤާނޫނު އަސާސީގެ 10 ވަނަ ބައި ކަމަށްވާ ހައްޤުތަކާއި މިނިވަންކަމުގެ ބާބުގައި އަންނަނިވި އިބާރާތުން ބަޔާން ކޮށްފައިވެއެވެ. " އެއްވެސް މީހަކު ހައްޔައްރުކޮށް ނުވަތަ ބަންދުކޮށްފި ނަމަ، އެހައްޔަރުކުރުމަކީ ނުވަތަ ބަންދުކުރުމަކީ ޤާނޫނާ ހިލާފް ކަމެއްކަމުގައި ވާނަމަ، ހެބިއަސް ކޯޕަސް ހުށަހަޅައިގެން އެމީހާ މިނިވަންކުރުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ." ކެނެޑާގެ ތާރީޚުގައި ހިނގި މަސްހޫރު "އޮކްޓޯބަރު ހާޖާނު" ގައި މިހައްޤު ވަގުތީގޮތުން ވަނީ ހުއްޓާލެވިފައެވެ.   މިކަންހިނގަން ދިމާވީ ސަބަބަކީ ކެނެޑާއަށް ދިމާވި ހާއްސަ ހާލަތެއްގައި ކެނަޑާގެ ވަޒީރުންގެ މަޖުލީސް (ކިއުބިކު ކެބިނެޓް) އިން ކުއްލި ހާލަތް ތަންފީޒު ކުރުމަށް އެންގުމާއި ގުޅިގެންނެވެ. ފުރަތަމަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ކެނެޑާގެ ޖަރުމަނު ސޮލޮވީނިއާ އަދި ޔުކުރެއިން ދަރިކޮޅުގެ މީހުންނަށް މިހައްޤު ހިފަހައްޓާފައިވެއެވެ. އަދި ދެވެނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނާއި، އިޓާލީ އަދި ޖަޕާނު ދަރިކޮޅުގެ މީހުންނަށްވެސް މިގޮތަށް އަމަލު ކުރެވުނެވެ. "ފޯޓު އެރީ" ކިޔާ ހަނގުރާމައަކާއި ގުޅިގެން އެތަށް ދުވަހެއްވަންދެން ހެބިއަސް ކޯޕަސް ހުއްޓާލާފައިވާއިރު އެދުވަސްވަރުގައި ތޯމަސް ޑީ-އާސީ ކިޔަ މީހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހުންނަށްވެސް މިހައްގު ހިފެހެއްޓިފައިވެއެވެ.

ޖަރުމަނުގައި ނުގަވާއިދުން ކުރެވޭ ބަންދާއި ދެކޮޅަށް މަސައްކަތްކުރުމަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދެއެވެ. އަދި ހެބިއަސް ކޯޕަސް ތަންފީޒު ކުރާނެ ގޮތްތަކާއި ހާލަތްތައް ޤާނޫނުގައި ވެއެވެ. 104 ވަނަ މާއްދާގެ ޕެރެގްރާފް-1 ގައި ބަޔާންކޮށްފައިވަނީ އެއްވެސް މީހެއްގެ ކަރާމާތަށް އުނިކަމެއް ނުވަތަ ގެއްލުމެއް ދީފިނަމަ އަމަލު ކުރާނެ ގޮތުގެ އުސޫލެވެ. އެމާއްދާގެ ދެވަނަ ޕެރެގްރާމްގައިވަނީ މީހަކު ހައްޔަރުކޮށްފިނަމަ ޖެހިގެން އަންނަ ދުވަސް ނިމުމުގެ ކުރިން (އިރުއޮއްސުމުގެ ކުރިން) ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހާ ހަޟިރުކުރަން ޖެހޭނެކަމަށެވެ. އެމައްދާގެ ތިންވަނަ ޕެރެގްރާފްގައި ބުނަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިނަމަ އަޑުއެހުން ބޭއްވުމަށް ފަނޑިޔާރަށް ލާޒިމްކުރާކަމަށެވެ.

އިންޑިއާގެ އަދުލުއިންސާފުގެ ނިޒާމުގެ ތެރޭގައި ޤާނޫނާއި ހިލާފަށް ކުރެވޭ ބަންދުތަކުގައި ހެބިއަސް ކޯޕަސް އަށް އަމަލުކުރެވެމުންދެއެވެ.  އިންޑިއާގެ އަދުލު އިންސާފުގެ ހަމަތަކާއި އާދަކާދަތަކުގައިވާ ގޮތުން ބަންދުކުރެވޭ މީހާގެ ހައްޤުގައި ކޮންމެ މީހަކަށްވެސް ޕެޓިޝަން (ހެބިއަސް ކޯޕަސް) ހުށަހެޅިދާނެއެވެ. އިންޑިއާގެ އަދުލު އިންސާފުގައި މިހާރު އަންނަނީ ހެބިއަސް ކޯޕަސް ނުވަތަ އާއްމު މީހާގެ ބާރު ގަދަވަމުންނެވެ. އެގޮތުން ރާޖަން ކޭސް އާއި ހައްޤު ހޯދައިދުނުމަށް މަސައްކަތްކުރާ އިޖުތިމާއީ އެކްޓިވިސްޓެއް ކަމަށްވާ އަންނާ ހަޒާރޭ ޖަލުގައި ހައްޔަރުކުރި މައްސަލާގައި ޕެންތަސް ޕާޓީ ކިޔާ ޕާޓީއަކުން ވަނީ ހެބިއަސްކޯޕަސް ހުށަހަޅާފައެވެ.

އިޓަލީގައި ހަބިއަސް ކޯޕަސްގެ މައިގަނޑު އަސާސެއްގެ ގޮތުގައި ބެލެވިފައިވަނީ ޤާނޫނު އަސާސީގެ 13 ވަނަ މައްދާއެވެ.  އެމާއްދާގައި ބުނަނީ "ޒާތީ މިނިވަންކަން ނިގުޅައި ނުގަނެވޭނެއެވެ. އެއްވެސް ކަހަލަ ޒާތީ މިނިވަންކަމަކަށް ހުއްޓޭފަދަ ގޮތަކަށް، ޗެކުކުރުމާއި ބަލާފަސްކުރުމާއި އަދި ބަންދުކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ، އަދި އަމުރުގައި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން ސަބަބު ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ. ހާއްސަހަލަތެއްގައި ނުވަތަ ކުއްލި ހާލަތެއްގައި ކޯޓު އަމުރަކާއި ނުލާ، އެފަދަ ހައްޤެއް ހިފަހައްޓައިފިނަމަ 48 ގަޑިއިރުގެ ތެރޭގައި ބަނދުކުރެވުނު މީހާ ނުވަތަ އަމަލުކުރެވުނު މީހާ ކޯޓަށް ހާޟިރުކުރަން ފުލުހުން ޖެހޭނެއެވެ. އަދި ބުނެވިދޔަ ގޮތަށް އަމަލު ނުކުރެވިއްޖެނަމަ އެމީހަކައި މެދު އަމަލު ކުރެވިފައިވަނީ ޤަނޫނާއި ހިލާފަށެވެ. އަދި އެއްވެސް މީހަކު އަނެއް މީހާއަށް ޖިސްމާނީ ގޮތުންނާއި އަދި އެހެނިހެން ގޮތަކުންވެސް މިނިވަންކަމަކަށް ނުވަތަ ކަރާމަތަކަށް ގެއްލުން ދީފިނަމަ އެމީހަކަށް އަދަބު ލިބެންޖެހޭނެއެވެ."

މެލޭޝިޔާގެ ޤާނޫނު އަސާސީގައި ސީދާ ޤާނޫނީ ބަސް (ހަބިއަސް ކޯޕަސް) ލިޔެފައި ނެތްކަމުގައި ވީނަމަވެސް ޤަނޫނޫ އަސާސީން އެހައްޤު ލިބިދެއެވެ. "އެއްވެސް މީހަކު ބަންދުކުރެވިފައިވަނީ ޤާނޫނާއި ހިލާފަށްކަމަށް ފެންނަނަމަ އެހައްޔަރަކީ ޤާނޫނާއި އެއްގޮތް ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ހައިކޯޓަށް ނުވަތަ އެނޫންވެސް ކޯޓަކަށް އެކަމާއި ބެހޭ ޝަކުވާ ހުށަހަޅޭނެއެވެ. އަދި ކޯޓުން އެކަމަކީ ޤާނޫނައި އެއްގޮތަށް ކޮށްފައިވާ ކަމެއްކަން ނޫން އެހެން ގޮތަކަށް ކަނޑައަޅައިފިނަމަ އެމީހާ ދޫކޮށްލަން ޖެހޭނެއެވެ.

ނިއުޒިލޭންޑްގައި ހެބިއަސްކޯޕަސް ދައުލަތުގެ މުއައްސަސާތަކާއި ދެކޮޅަށް ހެށަހެޅުމުގެ އިތުރުން އާއްމު ފަރުދުންނާއި ދެކޮޅަށްވެސް ހުށަހެޅެއެވެ. 2006 ވަނަ އަހަރު ކުޑަކުއްޖަކު ބެލެއްހެޓުމާއި ބެހޭގޮތުން އާއިލާއެއްގެ ތެރޭގައި އުފެދުނު މައްސަލައެއްގައި އެކުއްޖާގެ މައިފުށުގެ ކާފަ އެކުއްޖާ ރަހީނުކޮށް ހިފެހެއްޓިއެވެ. އަދި މިކަމާއި ގުޅިގެން މިކުއްޖާގެ މަންމައާއި، ކާފައައި، މާމައައި މުނިމާމަގެ އިތުރުން ކިޑްނެޕް ކުރަން އެހީތެރިވެދިން އެހެން މީހަކައި ދެކޮޅަށް އެކުއްޖާ ހިފައްޓާފައި ވަނީ ޤަނޫނާއި ހިލާފަށް ކަމަށް ކަނޑައެޅުމަށް އެކުއްޖާގެ ބައްޕަ ހެބިއަސް ކޯޕަސްއެއް ހުށަހެޅިއެވެ. އަދި ހެބިއަސް ކޯޕަސްގެ މަރުހަލާގައި ހިފެހެއްޓިފައިވާ ކުއްޖާ ކޯޓަށް ހާޟިރު ނުކުރުމާއި ގުޅިގެން އެކުއްޖާގެ މަންނަ ޖަލަށްލިއެވެ. އަދި އެކުއްޖާގެ ކާފަ އެކުއްޖާ ކޯޓަށް ހާޟިރުކޮށްދިނުމުން މަންމަ ޖަލުން ދޫކޮށްލިއެވެ.
އެހެން ކަމުން ފާހަގަކުރުވެނު ހުލާސާނުކުތާ އަކީ މަތީގައި ބަޔާންކުރެވުނު ކޮންމެ ގައުމެއްގެ އަދުލު އިންސަފުގެ ތެރޭގައިވެސް ހެބިއަސް ކޯޕަސް ގެ ހައްޤު ޤާނޫނު އަސާސީން ކަށަވަރުކޮށްދޭކަން އަދި މިއީ އަސާސީ ހައްޤުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ހައްގެކެވެ. އަދި ކެނަޑާގައި އެކިއެކި ހާލަތްތަކުގައި އެހައްޤު ރައްޔިތު މީހާގެ ކިބައިން ނިގުޅައިގަނެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމާގައިވެސް އެގަމު ތާއިދު ނުކުރާ ނުވަތަ ދުޝްމަން ގައުމުތަކަށް ނިސްބަތްވާ ދަރިކޮޅުގެ މީހުންގެ ކިބައިންވެސް މިހައްޤު ހިފަހައްޓާފައިވާކަން ވަރަށް ރަނގަޅަށް އެނިގެންގޮސްފިއެވެ.

ޤާނޫނީގޮތުން ބާރުލިބިފައިވާ ދައުލަތުގެ މުއައްސަސާތަކުން ބަންދުކުރާ ކުރުމުގެ އިތުރުން ނިއުޒިލޭންޑްގައި އާއްމު މީހަކު އެހެން މީހަކު ރަހީނުކޮށްގެން ގެންގުޅުނު ހާލަތެއްގައިވެސް އެބަންދާއި މެދު ގޮތެއް ނިންމުމަށް އައްމުމީހާ ކޯޓަށް ހުށަހަޅާފައިވުމަކީ ނިއުޒިލޭންޑްގައި މިހައްޤު ރައްޔިތު މީހާއަށް ލިބިދީފައިވާ މިންވަރު އަންދާޒާކޮށްލެވޭ ހާދިޘާއެކެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved