Home » , » ޤައުމީ އާމުދަނީ މިނެކިރުން، ޖީޑީޕީ އަދި ޖީއެންޕީ އަށް އަވަސް ކަޅިއެއް

ޤައުމީ އާމުދަނީ މިނެކިރުން، ޖީޑީޕީ އަދި ޖީއެންޕީ އަށް އަވަސް ކަޅިއެއް

Written By Afey Afra on Sunday 6 October 2013 | 05:13

ޤައުމުގެ އާމުދަނީ ނުވަތަ ނެޝަނަލް އިންކަމް އަކީ އުފެއްދުންތެރިކަމުގެ ބަހާތަކުގެ ތެރެއިން ހޯދޭ އަދި ލިބިދޭ މަންފާތައްކަމަށްވާ، ވިޔަފާރީގެ ފައިދާ، އިންޓަރެސްޓް، ކުލި އަދި މުސާރައިގެ މުޅި ޖުމްލަ ހިމެނޭ ގޮތަށް، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ނުވަތަ އެއް އަހަރު ދުވަހުގެ ތެރޭގައި އުފައްދާ މުދަލާއި، ދެވޭ ޚިދުމަތްތައް ބާޒާރުގެ އަގަށް ފައިސާއިން އަގުކުރެވޭ އަގުކުރެވުމެވެ. ޤައުމުގެ އަމަދަނީ މިނެކިރާ ތަފާތު އެކިއެކި މަފްހޫމް ތަކާއި ގޮތްތައް ހުރެއެވެ.

އެގޮތުން ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ނުވަތަ ޖީޑީޕީ އަކީ އެންމެ މުހިންމު އަދި އެންމެ އާއްމު ކޮންސެޕްޓެވެ. ޖީޑީޕީ އަކީ އަހަރު ދުވަހުގެ ތެރޭގައި ގައުމުގެ އިގުތިސާދީ ސަރަހައްދުގައި އުފައްދާ މުދަލާއި ދެވޭ ޚިދުމަތްތައް ޖުމްލަކޮށް ފައިސާއައިން އަގުކުރާކުރުމެވެ. އާއްމުގޮތެއްގައި މިދެންނެވުނު ގޮތަށް ޖުމުލަ ކުރުމަށްފަހު އެގައުމެއްގެ އާބާދީގެ ނިސްބަތުން އަޅާކިޔުމަށްފަހު ބޮލަކަށް ޖެހޭމިންވަރު ޖީޑީޕީ އިން ބަލާ އުޅެއެވެ. ޖީޑީޕީގައި ހިމަނާ މުދަލާއި ޚިދުމަތްތަކަކީ، ކޮންސިއުމަރުންނަށް ފޯރުކޮށްދިނުމަށް އުފައްދާ މުދަލާއި ޚިދުމަތާއި، އަމިއްލަ ފަރާތްތަކުން ހަރުމުދަލުން ކުރާ އިންވެސްޓްމަންޓް ތަކާއި، ދައުލަތުގެ ހަރަދުތަކާއި އިމްޕޯރޓް އަދި އެކްސްޕޯރޓެވެ.

ޖީޑީޕީ އާއި އަޅާ ބަލާއިރު ގްރޮސް ނެސެނަލް ޕްރޮޑަކްޓް ނުވަތަ ޖީއެންޕީ ގެ ތަފާތަކީ ގައުމުން ބޭރުގައި ހުރި އިންވެސްޓްމަންޓް ތަކުންނާއި އެކިއެކި ގޮތްގަތުން ގައުމަށް ލިބޭ ސާފު އާމުދަނީ އިތުރު ކުރެވޭ އިތުރު ކުރުމެވެ. އެހެން ކަމުން، ޖީއެންޕީ އަކީ ޖީޑީޕީގެ ތެރެއަށް ގައުމުން ބޭރުން ލިބޭ ސާފު އާމްދަނީ އެއްކުރުމެވެ. ޖީއެންޕީ މިނެކިރުމުގައި ބަލާ ކަންކަމަކީ، ކޮންސިއުމަރުންނަށް ފޯރުކޮށްދިނުމަށް އުފައްދާ މުދަލާއި ޚިދުމަތާއި، އަމިއްލަ ފަރާތްތަކުން ހަރުމުދަލުން ކުރާ އިންވެސްޓްމަންޓް ތަކާއި، ދައުލަތުގެ ހަރަދުތަކުގެ އިތުރުން ނެޓް އެކްސްޕޯރޓް (އެކްސްޕޯރޓް އާއި އިންޕޯރޓް ފަރަގު ބެލުމުން އަންނަ އަދަދު) އާއި ބޭރުން އަންނަ ސާފް އާމްދަނީގެ ބަހާތަކެވެ.

ނެޝެނަލް އިންކަމް އަކީ އުފެއްދުންތެރިކަމުގެ ބަހާތައްކަމަށްވާ، ބިމާއި، މަސައްކަތްތެރިންނާއި، ރައުސުލްމާލާއި އަދި ވިޔަފާރިތައް ހިންގާފަރާތައް ހިއްސާވާގޮތަށް އަހަރުދުވަހުގެ ތެރޭގައި ލިބޭ ޖުމްލަ އާމުދަނީއެވެ. އެގޮތުން މި އަމްދަނީ ލިބޭނެ ގޮތްތަކަކީ، ކުއްޔާއި، މުސާރައާއި، އިންޓެރެސްޓާއި، އަދި ވިޔަފާރި ފައިދާއިންނެވެ.

ޕާ ކެޕިޓާ އިންކަމް އަކީ ނޭޝަނަލް އިންކަމް ގައުމުގެ އާބާދީއިން ގެއްލާލުމަށްފަހު މީހަކަށް ޖެހޭ އާމުދަނީގެ އަދަދެވެ. މިދެންނެވުނު ހަތަރު ކޮންސެޕްޓް ގެ އިތުރުންވެސް ގައުމުގެ އާމު ދަނީ މިނެކިރާ ތަފާތު ގޮތްތައް ހުރެއެވެ. ގައުމުގެ އާމުދަނީ މިނެކިރެ އަދި ތަފާސް ކުރަންޖެހޭ މަޤުޞަދުތަކުގެ ތެރޭގައި އިޤުދިސާދީ ހާލަތު ދެނެގަތުމާއި، ތަފާތު ސެކްޓަރތައް އަޅާކިޔުމަށްފަހު އިޤުދިޞާދީ ގޮތުން ބަލިކަށި ދިމަތައް ފާހަގަކުރުން ހިމެނެއެވެ. މީގެއިތުރުން އިޤުތިސާދީ ކުރިއެރުމާއި ވެއްޓުން ރަމްޒުކޮށްދިނުމުގެ އިތުރުން ބައިނަލް އަޤުވާމީ ދުނިޔޭގައި އެހެނިހެން ޤައުމުތަކުގެ އިޤުތިސާދީ ހާލަތާއި އަޅާކިޔުން ހިމެނެއެވެ.


ނެޝަނަލް އިންކަމް ހިސާބުކުރުމުގައި ތަރައްޤީ ނުވާ އަދި ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި ބޮޑަތި ގޮންޖެހުންތަކެއް ހުރެއެވެ. އެގޮތުން ވިޔަފާރި ތަކުގެ ރެކޯޑް ރަނގަޅަށް ނުބެލެހެއްޓުމާއި، ސަރުކާރުން އެފަދަ ރެކޯޑްތައް ބެލެހެއްޓުމަށް ނުކުޅެދުމެވެ. މީގެއިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް ފިޔަވައި އަމިއްލަ މަސައްކަތްތެރިންގެ އާމްދަނީ ބަރާބަރަށް ވަޒަންކުރުމަކީ ވުމަށްވުރެ ދުރުކަމެކެވެ. މީގެ އިތުރުންވެސް މިކަމަށް ހުރި ހުރަސްތަކުގެ ތެރޭގައި، އަހަރު ދުވަސްތަކުގެ ތެރޭގައި އެއްވަޒީފާއިން އަނެއް ވަޒީފާއަށް މީހުން ބަދަލުވަމުން ދިޔުމާއި، އެއްވަރެއްގައި އާމުދަނީ ނުލިބުމާއި، ކަޅުބާޒާރުގައި އެއްވެސް ލިޔެކިޔުމެއް ނެތި ހިންގާ މުވާމަލާތްތަކަކީ، ބެލެހެއްޓޭނެ ހިސާބުތަކަކަށް ނުވެއެވެ. އެހެންކަމުން ތަރައްޤީ ނުވާ އަދި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގައި މިފަދަ ބޮޑު ގޮންޖެހުމެއް ހުރިއިރު، މުޅި ދުނިޔެއަށް ވިސްނާލާއިރު، ޤައުމުގެ އާމްދަނީ މިނެކިރުމުގައި ކޮންމެ މުދަލެއް އަދި ކޮންމެ ހިދުމަތެއްގެ އަގުމަގު ކުރުމާއި ކޮންމެ ވަކިވަކިފަރުދެއްގެ އާމުދަނީގެ ހިސާބެއް ހެދުން ފަދަ ކަންތައްތަކަކީ ސީދާ ސާފު ސައްޚަ އަދަދު ނެރެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން ދުނިޔޭގައި ގައުމުތަކުގެ އާމުދަނީ ހިސާބުކުރުމުގައި ބަލާ އާއްމު ކޮންސެޕްޓް ތައްކަމަށްވާ ޖީޑީޕީ ، ޖީއެންޕީ، އަދި ޕާކެޕިޓާ އިންކަމް ފަދަ އިންޑިކޭޓަރ ތަކަކީ މުޅިން ސާފު ސީދާ ސައްހަ އެއްޗަކަށް ވުމުގެ ބަދަލުގައި ހަޤީޤަތާއި އެންމެ ގާތް ކުރާގޮތަކަށް ބެލުމަށްފަހު ނެރެވޭ ހިސާބުތަކެކެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved