Home » , » ބަދަލުވަމުންދާ ސަޤާފަތް އޭގެ ހަޤީޤީ މާނާގައި

ބަދަލުވަމުންދާ ސަޤާފަތް އޭގެ ހަޤީޤީ މާނާގައި

Written By Afey Afra on Tuesday 22 October 2013 | 16:55


އިޖުތިމާއީ ސައިންސްގައި ދުނިޔޭގައި ފާހަގަކުރެވިފައިވާ މޮޅަތި ފިލޯސަފަރުން ސަޤާފަތް މާނަކޮށްފައިވަނީ އިޖިތިމާއީ އަމަލުތައް ނުވަތަ ހަރާކާތްތަކުގެ ގޮތުގައެވެ. އަދި އެހަރަކާތްތައް ހިންގެނީ ނުވަތަ ކުރެވެނީ ތަރިކައެއް އޮވެގެންނެވެ. އެއީ ފިކުރީ ގޮތުންނާއި މުދަލުގެ ގޮތުން ލިބިފައިވާ ތާރީހީ ތަރިކައެވެ. އެހެންކަމުން ސަޤާފަތަކީ މުޖުތަމައުއެއްގެ ތެރޭގައި އެއްޖީލުން އަނެއް ޖީލަށް ވާރުތަކުރަމުން އަންނަ އިޖުތިމާޢީ ތަރިކަތަކެވެ. މިތަރިކަތަކަކީ އިޖުތިމާއީ ގޮތުން ގުޅި ލާމެހިފައިވާ ތަކެތިކަމަށް ވާއިރު، ސަޤާފަތުގެ މައިގަނޑު އަސާސަކީ އެބައެއްގެ ބަހާއި ދިނާއި، އަދި ފިކުރުތަކާއި އިޖުތިމާޢީ ގޮތުންނާއި ފަރުދީ ގޮތުން ގަބޫލު ކުރާ ހަމަތަކާއި މިންތަކެވެ. ކުރުގޮތަކަށް ބުނާނަމަ ސަޤާފަތަކީ މުޖުތަމައެއްގައި ހިމެނޭ ހުރިހާ އެއްޗެކެވެ. އެގޮތުން ކެއިންބުމުގެ އާދަކާދައާއި، ހެދުން އެޅުމުގެ ކަންކަމާއި، އެކިއެކި މުނާސަބާތައް ފާހަގަކުރުމާއި، އެކިއެކި ހަރަކާތްތަކަކީ ސަޤާފަތުގެ ތެރެއިން އަންނަ ކަންކަމެވެ. މިހުރިހާ ކަމެއްވެސް ހިނގަމުންދާނީ އޭގެޒާތުގައި އަމިއްލަވަންތަކަމާއި އެކު އެންމެންނަށްވެސް އިއްތިފާގުވެވި އަދި ގަބޫލު ކުރެވިފައިވާ ގޮތުގެ މަތިން ދީނާއި އަމިއްލަ ބަހަށް ތައާރަޒު ނުވާގޮތަށެވެ.


ކަންމިހެން ހުރިއިރު، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި އެކު، ޒަމާނީ ތައުލީމާއި، ހަލުވިދުވެލީގައި ކުރިއަރަމުންދާ ސޯސަލް މީޑިއާއި އާއި މާސްމީޑިއާގެ ނުފޫޒުގެ ސަބަބުން އަޅުގަނޑުމެންގެ އަމިއްލަ ސަޤާފަތް ދަނީ އެނބުރެމުން މަސްހުނިވަމުންނެވެ. އިންސާނުންގެ ފިކުރު ތަނަވަސްވެ ބަދަލުވި ވަރަކަށް ސަޤާފަތާއި ދުރުވަމުންދާ ފަދައިން، މިފަދަ މައުލޫމާތު ފެތުރުމުގެ ވަސީލަތްތަކުގައި ވަކިހިއްޕާލާފައިވާ ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ގޮތަށް އެމީހުން ބޭނުންވާ ސަޤާފަތްތައް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ފަތުރަމުންދާފަދައިން އަޅުގަނޑުމެންގެ މުޖުތަމައުއަށްވެސް ވަނީ އެކަމުގެ އަސަރުފޯރާފައެވެ. އަޅުގަނޑުމެންގެ އަމިއްލަ ސަޤާފަތަށް ފަސޭހައިން ނޫފުޒުފޯރުވެވޭ މައިގަނޑު ދެސަބަބަކީ ތައުލީމީ ނިޒާމުގެ ތެރޭގައި އަމިއްލަ ސަޤާފަތަށް ދެވިފައިވާ އަހަންމިޔަތުކަން ކުޑަވުމާއި އެކު، ސަޤަފީކަންކަން އާލާކޮށް ދިރުވުމަށާއި ފަރުދުންގެ ހިތުގައި ސަޤާފަތަށް ލޯބި ޖެއްސުމަށްޓަކައި ގައުމީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރެވިފައި ނުވުމެވެ. 
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved