Home » , » އިޤުތިސާދީ ހާލަތްތައް ދަނެގަތުން

އިޤުތިސާދީ ހާލަތްތައް ދަނެގަތުން

Written By Afey Afra on Tuesday 9 July 2013 | 17:00

ފަޤީރުމީހާ މުއްސަދިވެ، މުއްސަދިން ހުލިވަމުން ހުލިވަމުން ގޮސް ފަގީރުވާ ފަދައިން އިޤުތިސާދަކީ އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވެ، ކުރިން އޮތް ހާލަތަށް ރުޖޫއަވެ އަނެއްކާވެސް އޭގެ ހާލަތު ބަދަލުވަމުންދާ އެއްޗެކެވެ. މައިގަނޑު ގޮތެއްގައި ކަމުގެ މާހިރުން އިޤުތިސާދީ މަރުހަލާތައް ބަހާލާފައިވަނީ ހަތަރު މަރުހަލާއެއްގެ މައްޗަށެވެ. އެމީހުން ބުނާގޮތުން ނަމަ ކޮންމެ ބަޔަކުވެސް މީގެން ކޮންމެސް އެއްމަރުހަލާއެއްގައި ނުވަތަ ދެމަރުހަލާ ދޭތެރޭގައި ތިބޭނެއެވެ. އެއީ:
1.    ތަދުމަޑުކަމުން އަރައިގަތުމުގެ މަރުހަލާ
2.    އާރޯކަން ގެނުވާ މަރުހަލާ (ދޮންވެ ފައްކާވުމަށް މިސްރާބު ހިފުން)
3.    ބަނޑުހަދޮޅިން ތިރިއަށް ފައިބާ މަރުހަލާ
4.    އިޤުތިސާދީ ހާއްސަ ހާލަތް (ބޮޑުތަދަށް މިސްރާބު ހިފުން)


މިކަންކަމަށް ބަލާއިރު ތަދުމަޑުކަމުން އަރައިގަތުމުގެ މަރުހަލާގައި މަޑުމަޑުން އިޤުތިސާދު ކުރިއަށް ޖެހެމުން ދާނެއެވެ. އިންވެސްޓްމަންޓްތައް ކުރެވި، ވިޔަފާރިތަކަށް ނަފަވާން ފަށައެވެ. އަދި ހިއްސާގެ ބާޒާރު ހެލިފެލިވެލާފައި، ތަކެތީގެ ޑިމާންޑް މައްޗަށް ގޮސް ވިޔަފާރިވެރިންނަށް ނަފާވާން ފަށައެވެ. އަދި އެވެރިންނަށް އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް އިތުރު ހިތްވަރެއްލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ އާމުދަނީ ހޯދުމަށް މަސައްކަތްކުރާ މީހުން އިތުރުވާންފަށައެވެ. ނަތީޖާއެއްގެ ގޮތުން އުފެއްދުން ތެރިކަން އިތުރުވެ އިޤުތިސާދު އާރޯކުރުވައެވެ.

އާރޯވެފައިވާ މަރުހަލާގައި މަސައްކަތް ކުރާ އުމުރުގެ ހަމަ އެކަކުވެސް އާމުދަނީ ހޯދުމަށް މަސައްކަތެއް ނުކޮށް ނިސްބަތުން ނުތިބޭނެއެވެ. ހަމަ ހީވާނީ ފުލް އެމްޕްލޯއިމެންޓެއް ގާއިމު ކުރެވިފައިވާ ފަދައިންނެވެ. ގިނަބަޔަކަށް އާމުދަނީ ލިބެންފެށުމުގެ ސަބަބުން އަތުފަތު ނުޖެހޭވަރަށް މީހުން ވިޔަފާރިކުރަން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ތަކެތީގެ ޑިމާންޑް މައްޗަށްގޮސް ހެޔޮވަރުވަރަކަށް އަގުތައް އުފުލިލާފައި ވިޔަފާރިތަކަށް ހެސްކިޔާފައި ނަފާވެއެވެ. ބޭންކްތަކުން ލޯނުތައް ނަގައި އިންވެސްޓްތައްކޮށް އުފެއްދުންތެރިކަން މައްޗަށް ގޮސް މުޅި އިޤުތިސާދަށް ހީވާނީ އީދެއް އައިސްގެން އުޅޭހެންނެވެ. އިޤުތިސާދީ ހާލަތު އެންމެ ބޮޑަށް އާރޯވެފައިވާ ދަނޑިވަޅުގައި ދޮންވެފައްކާވުމޭވެސް ކިޔައެވެ. މިފަދަ ހާލަތެއްގައި ބޮޑުލާރީގައި ހުނި ނުޖަހާ ހުންނާނީ މަދު މީހެކެވެ. މިހާލަތުގައި އޮވެފައި މަޑުމަޑުން ބަނޑުހަދޮޅިން ފައިބާންފަށައެވެ.

ބަނޑުހަދޮޅިން ފައިބަމުންދާ މަރުހަލާގައި މަޑުމަޑުން އިޤުތިސާދީ ދުވެލި މަޑުޖެހެއެވެ. ވިޔަފާރިތައް ފުޅާކުރުން ހުއްޓެއެވެ. ހިއްސާގެ ބާޒާރުދައްވެ، ވިޔަފާރިތަކަށް ގެއްލުންވާން އުޅޭހެން ހީވެގެން މީހުންތައް ވަޒިފާއިން ކަނޑަން ފެށުމުން ވަޒީފާ ނުލިބި ތިބިމީހުން މަޑުމަޑު ގިންވަން ފެށައެވެ. ނަތީޖާއެއްގެ ގޮތުން ލާރިފޮތި ފޮތި ގެންގުޅޭ މީހުން މަދުވުމާއި ގުޅިގެން ތަކެތީގެ ޑިމާންޑްވެސް ދަށަށް ދެއެވެ. އަދި އުފެއްދުން ތެރިކަން ފަހަރަކަށް ވުރެ ފަހަރެއް ދައްވަމުން ގޮސް އިޤުތިސާދީ ޚާއްސަ ހާލަތަކަށް ވެއްޓެއެވެ.

 އިޤުތިސާދީ ހާއްސަ ހާލަތުގައި ގާތްގަނޑަކަށް އިޤުތިސާދު ހުއްޓެއެވެ. އާއްމުދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ މީހުންގެ އަދަދު އިންތިހާއަށް އަރައިގެން ގޮސް، މުޅިން ފަގީރުވަމުންގޮސް، ތަކެތިގަންނާނެ ބަޔަކު ނުވެގެން އަގުތައް ތިރިވަމުން ގޮސް އެންމެފަހުން ފިހާރަތައްވެސް ބަނގުރޫޓުވާ ދަރަޖައަށް ދެއެވެ. ބޭންކުތައް ހުއްޓި އަދި އުފެއްދުން ތެރިކަމުގެ ކަންފުޅެއްވެސް މިމަރުހަލާގައި ނުހުންނާނެއެވެ. މިހާހިސާބުން "ބޮޑުތަދު" ގައި ޖެހުނީއޭވެސް ކިޔައެވެ. މިހާލަތުގައި އުޅުމަށްފަހު އަނެއްކާވެސް މަޑުމަޑުން އެންމެ ފުރަތަމަ ބަޔާންކުރެވުނު ތަދުމަޑުކަމުން އަރައިގަތުމުގެ ހާލަތަށް ބަދަލުވެއެވެ.


އިޤުތިސާދީ ހާލަތަކީ މިފަދަ ގޮތަކަށް ބަދަލުވަމުން ބުރުޖަހަމުން ދާއެއްޗެކެވެ. އެއްހާލަތުން އަނެއްހަލަތަށް ބަދަލުވުމަކީ އެއްދުވަހަކުން ދެދުވަހަކުން ވާނެ ކަމެއް ނޫނެވެ. އެއީ ގިނަގުނަ ސިޔާސަތުތަކެއް ކަނޑައެޅިގެން ގިނަގުނަ ސިޔާސަތެއްގެ ތެރެއިން ގިނަމުއާމަލާތްތަކެއް ކުރެވި ގިނަ ހާދިޘާތަކެއް ހިންގައިގެން ބަދަލުވަމުންދާ އެއްޗެކެވެ. ހަތަރު މަރުހަލާ ކަޑަތުކުރުމަށް ބައެއް ޤައުމުތަކުގައި ހާސްއަހަރުވެސް ނަގާފާނެއެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved