Home » , » އޭނާގެ ވާހަކަ

އޭނާގެ ވާހަކަ

Written By Afey Afra on Saturday 29 June 2013 | 01:24

ވަމުންދާގޮތް އެބަ އިނގެއެވެ. މީހުންތައް ސޮއިކުރަނީއެވެ. ނަމަކަށް ފަހު ނަމެއް ގޮވަމުންދެއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުގެވެގެން ދިޔައީ އަޑުއިވިގެން ދިޔަ ނަމާއި އެކުއެވެ. މައްސަލައަކީ ނަމެއް ނޫނެވެ. ނަން ގޮވި ތަރުތީބެވެ. އޭނާއަށް އެކަން ހަޖަމުކުރަން އުދަގޫވިއެވެ. އޭނާގެ މޫނުމައްޗަށް ކުނިވެފައިވާ ކުކުޅުބިހުގެ ތަފާލެއް ޖެހިކަހަލައެވެ. އެކަމުގައި އަހަރެން ހައިރާނެއް ނުވިއެވެ. އެކަމަކު އެއީ ކޯއިންސިޑެންޓެއް ނޫންކަމާއި އެއީ ހަމަ ގަސްތުގައި އެތަނުން އެއްފަރާތެއްގެ އެދުމުގެމަތިން ކޮށްފައިވާ ތަރުތީބެއްކަން އަހަރެންނަށް ވިސްނުނެވެ. އޭނާއަށް އެކަން ނުވިސްނުނީތީ އަހަރެން ހައިރާން ވިއެވެ. އޭނާއަކާއި އަހަންނާއި ކޮންބެހޭކަމެއްހެއްޔެވެ. އޭނާކައިރީގައި އެހެން ބުނާކަށް އަހަރެން ނުޖެހެއެވެ.

ރޭގަނޑުގެ ހަމަ ހިމޭން ވަގުތެއްގައި އެންމެ ބޮޑު އިޖުތިމާއީ ވިއުގައިގެ ކަނޑު އޮޅިން ވަދެގެން ދަނިކޮށް ސާފު ބިއްލޫރި ގަނޑެއްގެ އެތެރެ ފަރާތުގައި ހުރި ކާކުކަން ނޭގޭ މީހަކު އަހަންނަށް ހަނާ އަޅާލުމުން އަހަރެންވެސް މަޑުކުރީމެވެ. މުނާއި ކަނދުރާ ނިވާކޮށްފައިވާ ކާކުކަން ނޭގޭ މީހާ އިތުރު މީހުންނަށް ހަނާ އަޅަމުން އެބިއްލޫރި ގަނޑު ކައިރީގައި މަޑުކުރުވަން މަސައްކަތްކުރުވައެވެ. އެވަގުތު އެތަނުގައި އަހަރެން ދަންނަ ދެތިން މީހެއްވެސް މަޑުކޮށްގެން ތިއްބެވެ. އަދި ނުދަންނަ ބަޔަކުވެސް އިނގިލިން ގުނާލެވޭހާ މަދު އަދަދަކަށް ތިއްބެވެ. ބިއްލޫރިގަނޑު ކައިރީގައި އެމީހާ މަޑުކުރީ އޭގެ ދެދުވަސްކުރިންކަން އޭގައިވާ ތާރީހަކުން ދައްކައެވެ. އެހެންކަމުން މިނުދަންނަ މީހާގެ މަންޒަރުތައް ބަލަން އެންމެ ފުރަތަމަ މަޑުކުރި މީހުންގެ ލިސްޓުގައި އަހަރެންވެސް ހިމެނުނެވެ. އަހަރެން އެތާގައި މަޑުކޮށްލިއިރު ދެތިން ތަސްވީރެއް ބިއްލޫރިގަނޑުގައި ހިއްޕާފައިވެއެވެ. އަދި އެތަސްވީރު ތަކާއި ބެހޭ ގޮތުން އޭނާގެ ހިޔާލު މާކަރަކުން އޭގައި ލިޔެފައިވެއެވެ. ދުރުތާ ނުދަންނަ މީހުންނަށް އެއީ ސިޔާސީ ކުލަ ޖެހިފައިވާ މީހެއްކަމަށް ހީވެގެން ދިޔައެވެ. ނަމަވެސް އަހަންނަށް އެންމެ ފުރަތަމަވެސް މޫނު ނިވާކޮށްފައިވާ މީހާއާ ދޭތެރޭ ޝައްކުކުރެވުނެވެ. މީހަކަށްފަހު މީހެއް ބިއްލޫރިގަނޑު ކައިރީގައި މަޑުކުރަމުން ބައިބޯވަމުން ދެއެވެ. އަދި އޭނާ ތަތްކުރަ ފޮޓޯ ތަކަށާއި ލިޔާ ލިޔުންތަކަށް ބައެއް މީހުން ބޮޑުވައި އިނގިލި ހިއްލާލާ އެކަމާއި ގަޔާވާކަން ހާމަކުރެއެވެ. އަދި މަދުބަޔަކު ޖީބުން މާކަރު ނަގާފައި އެމީހާ ލިޔާ އެއްޗެއްސަށް ބިއްލޫރި ގަނޑުގެ ބޭރުފަރާތުގައި ކޮންމެޓްކޮށް ހަދައެވެ.

ބިއްލޫރިގަނޑުގެ ފަހަތުގައި އެވާ ގޮތްނޭގޭ މީހާގެ މައްސަލާގައި އަހަރެންނަށް އޭރުވެސް ޝައްކުކުރެވުނީ އެއްކަލަ އޭނާއަށެވެ. އަހަންނަށް ކުރެވޭ ޝައްކުގެ މޫތައް ކުރިފަޅައިގެން އެހެން ދިމާލަކަށް މިސްރާބު ހިފަހިފާ ހުއްޓާ އަނެއްކާވެސް އޭނާއަށް ނަޒަރު ހުއްޓާލީ އަނެއްކާވެސް އެމީހާ ލިޔެލި ލިޔެލުމަކުންނެވެ. ޖަދަލުކުރުމުގެ ވިސްނުމަކުން އެކިއެކި ފަޑުފާޑުގެ އިބަރާތްތައް ލިޔަމުންގޮސް މާމޮޅަށް ބްލޮގް ހަދާ ވާހަކަ އާއި ފޮނިކޮށް ވާހަކަ ލިޔުނަސް  ތިކަމެއް ނުވާނެއޭ ބުނެ ކިބުރުވެރިކަމުގެ ބަހެއް އެއްލިއެވެ. އެއީ އަހަރެން އެތާގައި މަޑުކޮށްގެން ހުރީމާއި އަހަންނަށް އެލި ދެރަބަހެއްކަން އަހަރެންނަށް އެނގުނެވެ. އަހަރެން ހިނި ފަޅައިގެން ދިޔައެވެ. އަދި ބައެއް މީހުން އެކަމާއި ގުޅިގެން ބިއްލޫރިގަނޑުގެ ބޭރުން ލިޔަން ފެށިއެވެ. އަނެއްބަޔަކު އެއިބާރާތުގައި ބޮޑުވައި އިނގިލި ޖައްސާލާ ކަމުދާކަމަށް ބުނަމުންދިޔައެވެ. އެއީ އޭނާކަން ފަހަރުގައި ބަޔަކަށް އެނގިފައިވެސް އޮވެދާނެއެވެ. ނަމަވެސް އަހަރެންނަށް ކުރެވެނީ ޝައްކެކެވެ.  ޝައްކު ޔަޤީނަށް ވެގެން ދިޔައީ އަހަރެންގެ ދުލު ކުރީގައިވާ ނަން ކަމަށްވާ "އައިކީ" ގެ ނަން ފުރަތަމަ ފަހަރަށް އެބިއްލޫރިގަނޑުގައި އަޅާލި އަޅާލުމެވެ. ކުރަމުންދާ ޝައްކު ޔަޤީން ވިއެވެ. އައީއަކީ ކޮންރަށެއްގެ މީހެއްކަމާއި މެދު މިމީހާ ވަރަށް ބޮޑަށް ވިސްނާކަން ބިއްލޫރުގަނޑުގައި ލިޔެފައިވާ ލިޔުމުން ހާމަވިއެވެ. އެކަމާ މޭބޮޑުވާނީ އޭނާ ނޫން ދެން ވަކި ކާކުހެއްޔެވެ. އެވަގުތު އަހަރެން ހިތަށް އެރިއެވެ. އެއީ ހަމަ އޭނާއޭ އެފަދަ އެއްޗެއް ފާޅުގައި އަސްލު ސޫރާގައި ހުރެ ލިޔެލުމުގެ ހިތްވަރެއް އޭނަގެ ގަޔަކު ނުހުންނާނެއެވެ. އެއީ ކާކުކަން އަހަރެންނަށް އެނގޭކަން އޭނާއަށް އެނގޭނަމަ އޭނާ ލަދުގަންނާނެ ވަރު އަހަރެންނަށް ވިސްނިފައި ހެވެން އުޅުމުން އަނގަމަތީގައި އަތްއަޅާލީމެވެ.


އޭނާ ހިތުން އޭނާ އެހެރީ  ފޮރުވިގެންނެވެ. ފޮރުވިގެންހުރެ އެންމެ ފަހުން އަހަރެންގެ ފޫޓުފާރުތެރެއިން އޭނާ "ވައްކަން" ކުރީއެވެ. ވަގުވަގަށްވަދެ ތަސްވީރެއް ހިފައިގެން އައިސް އޭނާގެ ފުސްވެފައިވާ ބިއްލޫރިގަނޑުގައި ހިއްޕާލިއެވެ. އަދި ސީދާ ސީދަލަށް އަހަރެންގެ ނަން އަޅާ އަހަންނާ ދިމާކޮށްލައިފިއެވެ. އަހަރެން ހިތަށް އެރިއެވެ. މޮޅުއެތިފަހަރެއް ހަދާނަމެވެ. ބުޅާ ގޯނިން ނެރޭނި ފިސާރި ރަނގަޅަށެވެ. ޖީބުގައި އޮތް މާކަރު ނަގާފައި އޭނާގެ ބިއްލޫރިގަނޑުގައި ކުރުމުށެއް ހުންނަވަރުގެ ދިގުމިނުގެ އިބަރާތްތަކެއް ލިޔެލީމެވެ. ކައިރީގައި ތިބި ބަޔަކު ތަރުހީބުގެ އަތްތިލަބަޑިޖަހަން ފެށުމުން އޭނާގެ ހިތަށް އަސަރުކޮށްފިއެވެ. ހަޖަމުކުރުމުގައި މައްސަލަ ހުންނަ އޭނާ އޭނަގެ ރަސްމީ އިބަރާތްތަކުން އަހަންނާއި ދިމާއަށް ދެވަރިން ދިނެވެ. އެވަގުތު އަހަރެން ކައިރީގައި ތިބި ދެމީހަކަށްވެސް އޭނާގެ މޫނު ކަސްފުވެ ނިމިއްޖެއެވެ. އެމީހުންނަށްވެސް އެއީ އޭނާކަން ޔަޤީން ވެއްޖެއެވެ. ރަތްމަހަށް ނުދޭވަރަށް އެއްޗެހި ގޮވާލާފައި އޮތްއިރު ވާހަކައިގެ ރާގާއި ބަސްމަގާއި އަދި ލިޔެފައިވާ ލިޔުންތައް އެނަލައިޒް ކުރާއިރު އެއީ މީގެކުރިންވެސް އަސްލު ސޫރާގައިވެސް ބޭރުވެފައިހުރި ވާހަކަތައްކަމެއް އޭނާއަކަށް ކުޑަކޮށްވެސް ވިސްނިފައިނެތެވެ. އޭނާ ހިތުން އޭނަ އެވަނީ ނިވާވެގެންނެވެ. އޭނާގެ މޫނު ނިވާކޮށްގެން ހުރިއިރު އެއްބަޔަކު ކަނަށް ބިތާއަށް އޭނާއާއި ދިމާއަށް ފާޅުގައި ގޮވާފައި ވާއިރު އެރައްދުވަނީ ހަމަ އޭނާއަށެވެ. އެނާއަށް ނުވިސްނެނީއެވެ. ބުއްދީގެ އަހުލުވެރިން ވިސްނައިފިނަމަ މިއީ ކޮންފަދަ ރަނގަޅު އިބުރަތެއް ހެއްޔެވެ. އޭނާއަކީ ކާކުކަން އަހަރެންނަށް އެނގޭކަން އޭނާއަށް އެނގޭ ދުވަހަކުން އޭނާ ހާދަހާ ލަދެއް ގަންނާނެއެވެ. ލަދުން ފައިކައިރިކޮށްލަން ނުކުރޭނެއެވެ. އޭނަގެ މޫނުގައިވާ ފަރުދާ އެވަނީ އެއްކޮށް ކަސްފުވެފައެވެ. އެކަމު ވިސްނާ ފިކުރުކުރާ މީހުންގެ ލޯތައް ކުރިމަތީގައެވެ. މޮޅުނަމެއް ކިޔައިގެން އޮޅުވާލައިގެން ހިތުން އޭނާ އެހެރީ ލެވެންޑާ އަށް ވެގެންނެވެ. އޭނައަށް ނުވިސްނެނީއެވެ. 
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved