Home » , » އެއްކިބާ

އެއްކިބާ

Written By Afey Afra on Monday 1 April 2013 | 14:44


އަހަރެންނަށް މިއަދު މިހާލު ޖެއްސީ ރޫ އެރީމައޭ  އަހަރެން ހުތުރުވީމައެވެ، މުސްކުޅި ވީމައެވެ. އަހަންނާ ވަތްކަނޑާލީ އުނގުމަތީގައި މިވާ ދަރިފުޅަކީ ފަރުވާކުރަން ޖެހޭ ކުއްޖަކަށްވީމަ އެކަމާއި ޝަކުވާކޮށްފައެވެ. ކެޔޮގަނޑު ކަނޑާލާފައިވާ ފަތްކެޔޮ ގަހެއްގެ އިއްޒަތް އެދިނީ ފެންކައްކާ ބޮއްޔަކަށް ހަދާފައެވެ. އެއީ ފިނޑި ފިރިހެނެކެވެ، ދުނިޔޭގެ އިމްތިހާނަށް ކުރިމަތިލައި،  އެކަން ހަޖަމް ކުރަން ނުކެރޭވަރުގެ ޅޮސް ސިކުނޑިއެއްގެ ވެރިއެކެވެ. އުޚުރަވީ ހަޔާތަށްވުރެ ދުނިޔަވީ ވަގުތީ ހަޔާތަށް ފެންބޮވައިގަނެފައިވާ ވިޔާނުދާ ސިންގާއެކެވެ. އޯގާތެރިކަމާއި އަޅާލުމުގެ އެއްވެސް ކުލުނެތް ނެތް ޖަހާލަތުގެ އަނދިރިން ހިތްފުރާލެވިފައިވާ ވަލުޖަނަވާރެކެވެ. މީހުންނަށް ރީތިގޮތުގައި ދަޅަ ދައްކަން ދަންނަ ހީލަތުން ފެންވަރައިގެން ހުރި މޮޅު މަކަރުވެރިއެކެވެ. ރީތި ބަހަކުން ބުނާނަމަ އަޑި ގިރިގިރި މަތި އޮމާން ދެފުއްކެހެރިއެކެވެ.


އަހަންނަށްވެސް ރީތިބައްޓަމޭ މިކިޔާ ޒާތުގެ ސޫރައެއް ލިބުނެވެ. އަހަރެންގެ އޮފުދާރު ކަމާއި ރީތިކަމާއި މެދު އަމިއްލައަށް ފަހުރުވެރިވީމެވެ. ސީދާ ދިމާލަށް ފާޅުގައި ރީއްޗޭ މީހުން ކިޔަމުން އަންނާތީއެވެ. މިފަހުރުވެރި ކަމާއި އެކު ނަޒަރު ހުއްޓަމުން އައި ފިރިހެނުންގެ ހިތްތައް ހަމަ ރަނގަޅަށްވެސް ކަތިލާލީމެވެ. ގަސްދަކާނުލައިވިއަސް އެތަކެއް ފިރިހެން ކުދިންގެ ހިތްތައް ފުރަތަމަ ނަޒަރުން އަހަރެންނާއި ދިމާއަށް ލަންބުވާލީމެވެ. އެހެން ނަމަވެސް ރޫފަ ރަނގަޅު ބުރުސޫރައެއް ލިބުމުން އެކަމުގެ ނާޖާއީޒް ފައިދާ ނަހަމަ ގޮތުގައި ނަގާފައެއް ނުވާނެއެވެ. މީހަކު ވަލުވައްދާފައި ނުވާނެތާގައި، މަގުން ކަސިޔާރުވެ ގޯޅި އަޅައިގެން ގޮސްފައެއް ދުވަހަކުވެސް ނުވާނެއެވެ. އަހަރެންގެ އަމިއްލަ ނަފްސު އަދިވެސް އެކަމާ ފަޚްރުވެރިވެއެވެ. ލިބިފައިވާ އާރޯކަމާއި ތާޒާކަމާއި، ޅަނދޮޅު ލޫޅާފަތި ހަށިގަނޑާއި އެކު ޒުވާންކަމުގައި އާއުސްމިންތަކަކަށް ވާސިލްވީމެވެ. އެންމެ މަތީ ހަރުފަތަށެވެ. މިހަރުފަތުގައި އެތަކެއް އަހަރުވަންދެން ފިޔަޖަހާލަ ޖަހަލާ އިނީމެވެ. ބެބުޅުމާއި އެކު ފަނޑުވުމެއް ނެތްގޮތުގައެވެ. އެދުވަސްވަރު ހަނާ އެޅި ފިރިހެނުންގެ އަދަދު ބުނެދޭންވެސް ނޭގެއެވެ. މަގުމަތީގައި ހިނގަން އުނދަގޫވާ ދަރަޖައަށް އެބައިމީހުންގެ ޖަޒްބާތުތައް ފާޅުކުރަމުން ގެންދިޔައެވެ. ބައެއްކުދިން ފާޅުގައި ޝުއޫރު ފާޅުކުރަމުން ދިޔައިރު އަނެއްބަޔަކު ކަތިގޮތަކަށް ހިތުގެ ގޮވުން، އިއްވާލައެވެ. ލޮލުގެ އިޝާރާތުން އެއްލޯމަރާލި ފިރިހެނުން މިހާރުވަނީ އެމީހުންގެ އަނބިދަރިންނާއި އެކު ސާދާ ދިރިއުޅުމައިގެން ކުރިއަށް ދިޔުމުގައި އަވަދި ނެތިއެވެ. ނިދަން އުނދަގޫވާ ވަރަށް އެތަށް މެސެޖަކުން ހިތުގެ ގޮވުންތައް އަހަންނަށް ފޮނުވަމުން ދިޔައެވެ. ބޭރަށް ނިކުތުމުން ކަޅިޖަހާނުލާ ބަލަންތިބޭ ބެލުންތަކަށް ކަތިނަޒަރު އަހަންނަށްވެސް ދެވުނެވެ. އަހަރެންނަކީވެސް ކޮންމެވެސް މީހެއްގެ އުނގުގެ ހިޔާވަހަކި ކަމުގެ ތެރެއަށް ވަންނަން ޖެހޭނެ މީހެއްކަން އެގިހުރި ހާލުގައި، އެކަތި ނަޒަރުތައް އެންމެ ފަހުން ކޮންމެވެސް އެކަކަށް ސީދާކޮށްލެވުނެވެ. މަށަށް މަށަށް ގޮވަމުން ދިޔަ އެތަކެއް ޒުވާން ކުދިންގެ ތެރެއިން ފީހޮވަމުން އައިސް އަހަރެންގެ ޒުވާންކަން ހިބައިން ދިނީ ހަމައެކަނި ހަމްދާން އަށެވެ. އެއީ އިތުބާރު ކުރެވުނީތީއެވެ. އޮހެމުންދިޔަ އެތަށް އާދޭސްތަކަކުން ރައްކާތެރިކަން ހޯދާ ހަމްދަރުދީއާއި އެކު ސޮރީއޭ ބުނުމަށްފަހު ހަމްދާންގެ ނިވަލުގައި އަހަރެން މަޑުކުރީމެވެ.

އާކަމަޅިމަތީ ހަޔާތެއް ފެށީ އޯގާތެރިކަމާއި ލޯތްބާއި ކުލުނުގެ އަޅާލުންތަކުން އެކަށްވުރެ އަނެކަކު ދޫނުކުރާ ހާލުއެވެ. ދެފަރާތުންވެސް އެއްވަރަކަށް ހިއްސާކުރެވޭ ލޯބީގެ ދަތުރެއްގައި ނިޔާމަކައިއެކު މަންޒިލަށް ވަސިލްވެވޭތޯ އަތާއަތް ޖޯޑުކޮށްލާ ޒަވަޖީ ހަޔަތުގެ ގޮށް ނުމޮހޭވަރަށް ބާރުކޮށްލީމެވެ. ޒުވާންކަމުގެ ފޮނިމީރު ކަމާއި އެކު މީރުހަތައިގެ ޝަރާބުގެ ކޯވަރުތައް ލިބެމުން ދިޔައިރު އެއަށްވުރެ ވަފާތެރި އަނެކަކު ނުވެއެވެ. އުއްމީދުތަކާއި ހުވަފެންތަކުގައި ކުލަޖެއްސުމަށް ގަދައަޅާ މަސައްކަތްކުރީ ތަޤުވާވެރިކަމާއި އެކުއެވެ. ދެމީހުންގެވެސް ފުރިހަމަ ބައިވެރިވުމާއި އެކު ދުނިޔެ އާރާސްތުކުރުމަށްޓަކައި މަސައްކަތްތައް ކުރީމެވެ. ވަގުތީ ފާލަމުން އަލްވަދާޢު ކިޔާއިރު ދުނިޔޭގައި އުޅުނުކަމުގެ ނިޝާނެއް މިދުނިޔެއަށް ދޫކުރުމަށް ބޭނުންވިއެވެ. އެގޮތުން ލޯބީގެ ބިނާއެއް އެޅުމުގެ މަސައްކަތް ކުރެވުނެވެ. ކާމިޔާބު ނުވެ މިގޮތުގައި އެތަކެއް އަހަރު ވޭތުކުރީމެވެ. ﷲ ގެ ޙަޟްރަތުގައި އެދި ދުޢާ ދެންނެވުނެވެ، ބޭސްފަރުވާ ކުރެވިފައިވާ މިންވަރު ގުނާއަދަދު ނުކުރެވެއެވެ. މިގޮތުގައި އަހަރުތަކާއި މަސްތައް ދެމީހުންވެސް ވޭތުކުރަމުން ދިޔައީ މާޔޫސްކަމެއް ނެތި، ކާމިޔާބު ލިބޭނެކަމުގެ ފުރިހަމަ އުންމީދާއި އެކުއެވެ. ބޮންތީގައި ކުރިގަނެފައިވާ ރީތިކަމުގެ ޒުވާންކަން މަޑުމަޑުން ބަނޑުހަނދޮޅިން ފައިބާން ފެށިއެވެ. އޮއްސެމުންދިޔަ ރީތީކަން އޭގެ އެންމެ ހަލުވި ދުވެލީގައި ދަތުރުކުރަން ފެށިފަހުން މަންޒިލުގައި ފައިތިލަ ބީއްސާލެވުނެވެ. ޤުދުރަތުން ދެއްވި މަތިވެރި ނިޢުމަތް ބަލައިގަތީ ނުހަނު ޝުކުރުވެރިކަމާއި އެކުއެވެ. އެއީ އަހަރެންގެ ލޮލުގެ ނޫރެވެ، އަދި ހިތުގެ ކާނާއެވެ. ލޯބީގެ ފުރަތަމަ ނިޝާން ދުނިޔެމައްޗަށް އުފަންވުމާއި އެކު އަހަރެންގެ ހަށިގަނޑަށް ބޮޑު ބަދަލުތަކެއް އައެވެ. މާޒީގެ ފޮނި ޞަފްޙާ ތަކުންނާއި ދަތުރުކުރަމުން ދިޔަ ނައުގެ ކޮޅުފަސްކޮޅުގައި ވަކިހިއްޕާފައިހުރި މޯހިރުގެ ކިލަނބުކަމެތްނެއް ސާފުކަން ރަމްޒުކޮށްދިނީ ކުރިމަގުގެ އުޖާލާކަމާއި ސާދާކަމެވެ. ނަމަވެސް އެދުވަހު، އެފަތްފުއްތަކުން މިފަދަ ބިކަހާލެއް ލޮލުން ދެކި ތަޖުރިބާކުރަން ޖެހޭނެއޭ ކުޑަކޮންވެސް ރޭކާނުލައެވެ.

އުފުލިވޭންތަކުގެ އަގުވަޒަން ކުރުމުގެ ބަދަލުގައި ރީތިކަން ގެއްލުނީތީ ކުރީ ޝަކުވާއެވެ. ކީހާޅެމެއް ފަރިއްސަށް ބަދަލުވެ، އެންމެ ފަހުން ބުނަން ފެށީ ލިބޭ އެއްވެސް އުފަލެއް ނެތްކަމުގައެވެ. މިކުޑަކުޑަ ދަރިފުޅަކީ ބަލިކުއްޖެއްކަން އެނގުމުން އަހަރެންދެކެ އަންނަންފެށީ ދަވިރުޅިއެވެ. ދިރިއުޅުން ބަރުބާދުކޮށް، ޖަންގަލީގެ ގާނޫނު ދަފަރާކޮށް ތަންފީޒް ކުރަން ފެށިއެވެ. ވަލުސިންގާއެއް ފަދައިން އަހަންނާއި ދިމާއަށް ވައްވައް ޖަހާފައި އަންނަން ފެށިއެވެ. މިކުޑަކުޑަ މައުސޫމް ޒަޔާންގެ އިހްސާސްތަކަށް ފައިންއަރާ ފައިފުއްސެއްގެ ދަރަޖަ ދިނީ އަގަލެއް ކުލުނެއް ނެތިއެވެ. މިކަމުގައި އަހަރެންގެ ކުށަކީ ކޮބާހެވެ. ކޮންމެ އިންސާނަކީވެސް މުސްކުޅިވާނެ މީހެކެވެ. ހެނދުނު ފަރިވި މާތައް ހަވީރަށް މިލާނެކަން ހަމްދާނަށް ނުވިސްނުނީތީ ހިތާމަކުރަމެވެ. ކައިވެނިކުރީ ކުރެވުނު އިތުބާރުގެ މައްޗަށް ރިޔާއަތްކޮށް ދެމީހުންވެސް ތިބީ އެއްހާލެއްގައިކަން ދެނެތިބޭ ހާލުގައިއެވެ. ހަޔާތުގެ ނައު ދުއްވުމަށްޓަކައި ބޮޑު ގުރުބާނީއެއްވާން ޖެހޭނެދުވަހެއް އަންނާނެކަން މާކުރިންވެސް މިވަނީ އެނގި ދަސްވެފައެވެ. މިކަމަށް ރުހި ޤަބޫލުވީ ވެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެނަސް އެގުރުބާނީއަށް ހަމްދާން ފުރަގަސް ދޭނެކަން ކުޑަކޮށްވެސް ހިތަށް ނާރައެވެ. އެންމެފަހުން އަހަރެމެން ދެމައިން މާސިންގާ ކަނޑަކަށް ދޫކޮށްލުމަށްފަހު ހަމްދާން އެއްކިބާވީއެވެ. އެހެން އަންހެނެއްގެ ލައްޒަތަށް ލެނބުނީއެވެ. ދުނިޔޭގެ ދަޅައަށް ހެއްލުނީއެވެ. މިދެމައިން ދުނިޔެއަށް ގިނަކޮށްލުމަށްފަހުއެވެ. ބާކީ ކޮށްލުމަށްފަހުއެވެ. (ނިމުނީ)


Share this article :

1 comments:

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved