އަހަރެންގެލޮލުން ކަރުނަތިއްކެއް ވެއްޓޭ
ކޮންމެ ފަހަރަކު ފުންކޮށް ވިސްނާލެވެއެވެ. ފިރިހެނުންގެ ލޮލުން ކަރުނަފޭބުމަކީ
މައްސަލައެއްކަމަށް ބަޔަކު ދެކުނަސް އެއީ އަހަރެން ޤަބޫލްކުރާ ހަޤީޤަތެއް ނޫނެވެ.
ރަށަށްގޮސް އަހަރެންގެ މައިން ބަފައިންނަށް އަހަރެން ދައްކާނީ ކޮންމޫނެއް
ހެއްޔެވެ. ބަޔަކު ވާހައެއް ދައްކާއިރަށް ހަޤީޤަތް ނުބަލައި އެކަން ޤަބޫލް
ކުރުމަކީ އަހަރެންމެން ރަށަށް ދިމާވެފައިޥާ ބޮޑު މުސީބާތެކެވެ. ކާބަފައިންގެ
ދުވަސްވަރުން ފެށިގެން ރަށަކީ ވާހަކަ ވިހާ ރަށަކަށް ވުމުގެ ހިތު ތަޖުރިބާ
އަހަންނަށް މިއަދު މިއޮތީ ކުރަން ޖެހިފައެވެ. މުޅިރަށުގައި އެއްއަޑަކަށް ދައްކަނީ
އަހަރެންގެ ވާހައެކެވެ. ކައިވެންޏެއް ނުކޮށް ހުއްޓާ އުމުރުން ފަސްގަޑި ބައިވުމަކީ އަހަރެން
ދެކޭގޮތުގައިވެސް މައްސަލައެކެވެ. އަހަރެން މީހަކާއި ނުއިދެ ހުރުން އެއީ
އަހަރެންގެ އަމިއްލަ މައްސަލައެކެވެ. އެއީ ބަޔަކާއި ބެހެވޭނެ ކަމެއް ނޫނެވެ.
މީހަކާއި ނުއިނދެ ހުއްޓަސް އަހަންނަކީ އެމީހުން އެބުނާ ކަހަލަ މީހެއް ނޫނެވެ.
ތަރުބިއްޔަތު
ވެފައިވާ ގޮތުން އަހަންނަކީ ލަދުރަކި މީހެއްކަން ޤަބޫލްކުރަމެވެ. އެޒިންމާ
އަހަރެން އަމިއްލައަށް ނަގަމެވެ. މައިންބަފައިންގެ ބޮލަކު ނާޅުވަމެވެ. އަހަރެންގެ
އުމުރުން މިވަރުވެގެން ދިޔައިރުވެސް ދުވަހަކުވެސް މީހަކާއި ލޯބީގެ ގުޅުން
ބާއްވާފައެއް ނުވާނެއެވެ. އެއީ އަހަރެންގެ ހަށިގަނޑުގައި ފިރިހެންވަންތަކަމުގެ
އޮއިވަރު ނުހިނގާތީކީ ނޫނެވެ. މައްސަލައަކީ ނުކެރުމެވެ. ކުޑައިރު އަހަންނަކީ
"ރަނޑު"މީހެކޭ މީހުން ދިމާލަށް ބުނެ ނަފްސާނީގޮތުން ބަލިކަށިކޮށްލުމުންނެވެ.
އަހަރެން ކޮންމެ ސިފައަކަށް ހުއްޓަސް އަހަންނަށްވެސް މީހަކުދެކެލޯބިވެވުނެވެ. އެއީ
އެމީހަކާއި ހެދި އަހަރެންގެ ޖަޒްބާތުތަށް އުތުރި އަރައިގެންދިޔަ ރީތި ފަތްމިންޏެކެވެ.
އެއީ ޝާނާ އެވެ.
އަހަރެންގެ
ކަތި ނަޒަރު ފުރަތަމަ ޝާނާއަށް ހުއްޓުވާލީ ގޭދޮރުމަތީގައި ހުއްޓާ ތެލިދޮންނަން
ދަމުން ގޭދޮރުމަތިން ކުރި ކަނޑާލި ދުވަހެއްގައެވެ. ބޮލާކީނުކުލައިގެ ތެލިތަކެއް
ކިހިލި ޖަހާލައިގެން ދިޔައިރު، ފުރަގަހުން ކަކުލާއި ހިސާބަށް ފައިބައިފައިވާ
އިސްތަށުގަނޑު ހެލިލަހެލިލައި އޮތްއިރު އޭގެ ކަޅުކަންވެސް ހުރީ އެތެލިތަކެކޭ
އެއްފަދައިން އޮފް އަރައަރައެވެ. މޫނު ހީވަނީ ސާދަވިލޭރޭގެ އަލިގަދަ
ހަނދެއްހެންނެވެ. އެހާވެސް ވަށްވެފައި ދޮނެވެ. ހީލީމައި ކޮލުގައި އިންނަ
އަޑިކޮޅާއި، މިޔަކަނުގައި އިންނަ ހިނދިވަޅު ފެނިފައި ތަލިން ކުޅުހިކުނެވެ. ލޯބި
ވެވިއްޖެކަހަލަ އިޙްސާސްތަކެއް ކުރެވެން ފެށިއެވެ. އިޝްޤީ އޮއިވަރުގައި ޖެހި،
އަމިއްލަ ނަފްސަށް އިތުބާރު ކުރަން މަޖުބޫރުވެއްޖެއެވެ. އެއްދުވަހަކު
އިރުއޮއްސެމުން ދިޔަ ވަގުތެއްގައި ސުކޫލް ފާރުކައިރީގައި ލައްގަނެގެން ހުއްޓާ ޝާނާ
ދިޔައީ އަހަންނާއި ދިމާއަށް ބަލާވެސް ލާފައެވެ. އެކަމަކު އަހަންނަށް ހީލަންވެސް
ނުކެރުނެވެ. ޝާނާ ފެންނައިރަށް ހިތްތެޅިގަންނަނީއެވެ. އެކަމަކު އަހަރެންގެ
ހިތުގައިޥާ އެއްޗެއް ޝާނާއަށް އެނގޭނީ ކިހިނަކުންހެއްޔެވެ. އަހަރެން ޝާާނާދެކެ
ލޯބިވާވާހަކަ ބުނާނީ ކިހިނެއްބާއެވެ، ފުރަތަމަ ލޯބިވާ ވާހަކަ ބުނަން އަހާނީ ކީކޭ
ކިޔާފައިބާއެވެ. އެތަށް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އަހަރެންގެ ހިތުގެ
ގޮވުން އިއްވާނުލެވުނުތާގައި ހަތަރުކަޅި ހަމަކޮށް ބަލާލަންވެސް ޖެހިލުންވަނީ އެވެ.
ޝާނާ އަހަންނާއި ދިމާއަށް ބަލާލައިފިނަމަ، ލަދުގަނެ އިސްޖަހާލެވެނީއެވެ.
ބޭރުތެރެއަށް ނިކުންނަ ކޮންމެ ފަހަރަކު ޝާނާ ފެނޭތޯ ބަލަމެވެ. ޝާނާގެ
ޚަރަކާތްތަކަށް ފާރަލެވެއެވެ. ޝާނާ އަހަންނާއި ދިމާއަށް ބަލާލައިފިނަަ، އޮޅި
ފޮޅިއެއްހެން ލަދުރަކިވެވެނީއެވެ. ޝާނާ އެއްޗެއް ބުނަން އުޅޭހެންވެސް ބައެއް
ފަހަރު ހީވެއެވެ. އެކަމަކު އެއީ އަހަރެންގެ ހިތް ޝާނާގެ މައްޗަށް ލެނިބިފައިޥާލެއް
ބޮޑުކަމުން ހީވާހީވުމެކަމަށް ވެދާނެއެވެ.
ހަތަރު
އަހަރު ފާއިތުވެގެން ދިޔައިރުވެސް އަހަރެންގެ ލޯބީގެ މަންސަފާ ޝާނާއަށް ނޭގޭތާގައި
އަހަރެންގެ އެންމެ ގާތްރަށްޓެހިންނަށްވެސް ނޭގޭނެއެވެ. ޝާނާއޭ ކިޔާފައި
ދުވަހަކުވެސް އަހަރެން އެއިން މިހަކާއި ވާހަކަ ދައްކާފައެއް ނުވާނެއެވެ. އަދި
އަހަރެންގެ މިޒާޖު ހުންނަ ގޮތުން އެފަދަ އިޙްސާސްތަކެއް އަހަރެން ކުރާކަމެއް
އެގޭނީ ކިހިނަކުންހެއްޔެވެ. އެހެންނަމަވެސް އަހަރެންމީ ނަސީބު ދެރަ މީހެކޭ
ނުބުނެވޭނެއެވެ. މައްސަލައަކީ އަހަންނަށް ނުކެރުމުގެ ސުންޕާކަމެވެ. އެންމެފަހުން
ޝާނާ އެހެން މީހެއްގެ އުނގުގެ ހިޔާވަހިކަމުގެ ތެރެއަށްގޮސް ހަޔާތެއް ފެށީ ކައިރިން
ބަލަބަލާ ހުއްޓައެވެ. ހިތުގެ ގޮވުން އިއްވާލަ ނުދެވުނުތާގައި މީހަކު ޔޯލައަކަށް
އަހަރެން ލޯބިވެގެން އުޅުނޭ ބުނާތީވެސް އަދިއަދަށް ދާންދެންވެސް ޝާނާ ނާހާނެއެވެ.
ޝާނާއަށް ނޭގުނުކަމުގައިވިއަސް އަހަރެން ޝާނާދެކެ ލޯބިވެއެވެ. އެދުވަހު އަހަރެން
އިސްވެ ލޯބި ހުށަހެޅިނަމަ، ހުންނާނީ މީހެއްގެ ފިރިއެއްގެ ގޮތުގައި ބައްޕައެއްގެ
ފުރިހަމަ ޛިންމާ ކޮނޑު އަޅައިގެން ކަންނޭގެއެވެ. އަދިވެސް އަހަރެން ޝާނާދެކެ
ލޯބިވެއެވެ. އަހަންނަކީ ފިރިހެން ވަންތަކަމުގެ ސިފަ ބޭރުފުށުން ފެންނަން
ނެތްމީހަކަސް ހިތުގައި އަދިވެސް އިޝްޤީ އޮއިވަރު ހިނގާ މީހެކެވެ. އެމީހުން
އެބުނާކަހަލަ މީހެއް ނޫނެވެ.
0 comments: