Home » , » މިއީ ވީގޮތޭ

މިއީ ވީގޮތޭ

Written By Afey Afra on Sunday 10 March 2013 | 02:19


ގޭދޮރުމައްޗަށް ސައިކަލް ދޫކޮށްލުމަށްފަހު އަތުގައި އޮތް "ޑިޖާވޫ" ކޮތަޅު ހިފައިގެން ގިސްލަމުން ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖަހާލުމާއި އެކު ބަޑި ފަޅައިގެން ހިނގައްޖެއެވެ. އިތުރަށް އެންމެ ޓްރެފިކް ލައިޓަކަށް މަޑުކުރަންޖެހުނު ނަމަވެސް ސައިކަލް މަތީގައި އިންދާ ރޮވުނީހެވެ. ދިޔަގޮތަށްގޮސް ކޮތަޅުގައި ހުރި ބޮލިތަކާއި، ރަންކެވިކޮޅު އެނދުމައްޗަށް އޮއްސާލާފައި ބެގީ ނައްޓާލުމަށްފަހު ރޮމުން ރޮމުން ބަނޑުން އޮށޯވެއްޖެއީމެވެ. އަހަރެންގެ ކުށަކީ ކޮބާހެވެ. ކެވެލިކޮޅުގައި ފިރުމާލެވުނެވެ، އަދި ނޭފަތާއި ކައިރިކޮށްލެވުނެވެ. އަދިވެސް ނިހާގެ އަތުގައި ދުވާ "އެންޝޯންޓާރ" ލޯޝަންވަސް ކެވެލި ކޮޅުގައި އެބަހުއްޓެވެ. މީގެ 07 އަހަރުކުރިން ނިހާއަށް ދިންއިރު ހުރި އޮފްކަމަށް ބަދަލެއް ނާދެއެވެ. ރަށްޓެހިވިފަހުން އައި ނިހާގެ ފުރަތަމަ އުފަންދުވަހަށް އަހަރެން ތައްޔާރުވީ، ކައިވެންޏަކަށް ތައްޔާރުވާހާ ފުރިހަމައަށެވެ. އެރޭ މަޖީދީމަގު ކުޑަކޮށްގެން ހިތްހަމަ ޖެހޭ ކެވެލިކޮޅެއް ބާރަ ޖަހަންވާއިރަށް ލިބުނީ ހަމަ ކިރިޔާއެވެ. ބުރަމަސައްކަތުން ދިން އުފަންދުވަހުގެ ހަދިޔާ އަނބުރާ ރައްދުކުރަންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެންގެ ކުށަކީ ކޮބާހެވެ. ބޮލިތައް އަތުރާލެވުނެވެ. ލޮލުންފައިބާ ކަރުނައިގެ ތިކިތަށްގޮސް ބޮލިތަކުގައި ބީހުމުން، އިތުރަށް އޮފްކަން ގަދަވެގެން ދެއެވެ. އޮފްއަރަމުންދާ ކަރުނަތަކުގެ ތެރެއިން އަހަންނަށް ފެންނަމުންދަނީ އެރީތި ދޮންވެލި ތުނޑި މަތީގައި އަހަންނާއި، ނިހާ އާއި ދެމީހުން ކުރަމުންދިޔަ ހުވާތަކާއި ވައުދުތަކުގެ ފަށުވި މަންޒަރުތަކެވެ.

އަހަރެމެން ދެމީހުން ފުރަތަމަ ދިމާވީ އެލްސިޔޯން ބޭކަރީކައިރިންނެވެ. ފުރަތަމަވެސް ފެނިލުމާއި އެކު ބޭއިޚްތިޔާރުގައި ނިތްއަރުވާލެވުނެވެ. ފުރަތަމަ ނަޒަރުން ހިތް ޒަހަމް ކޮށްފިއެވެ، އެރީތި ހިތްގައިމު ހިނިތުންވުން ވެގެން ދިޔައީ އަހަންނަށް ލިބުނު މާމެލާމެލީގެ މީރު ގުލްދަސްތާއަކަށެވެ. އަދި ލޯބި ހޯދުމަށްކުރެވުނު މަސައްކަތުގެ ނަތިޖާއެއްގެ ގޮތުން އެސް.އެމް.އެސް ތަކުން ބަދަލުކުރެވޭ ލޯބިގެ ޚިޔާލީ މޮޅަތި ބަސްތަކުން ދެމީހުންގެ ގުޅުން ހަރުދަނާވެ، ލޯބި ހުށަހެޅުނު ހިނދު، "އާ އަހަރެންވެސް ލޯބިވޭ" ބުނެ، ހިތާހިތް ގުޅުވާލެވުނެވެ. އެދުވަހަށް ފަހު އަހަރަމެން ދެމީހުންވެސް ސައިކަލްގައި މާލެވަށާ ގަޑި އެނބުރޭ ކޮޅަށް ބުރުޖަހާ މީހުންގެ ދަފްތަރަށް އިތުރުވެ، ބޮޑުތަކުރުފާނުމަގުގައި ހުރި ގާޑިޔާތަކަށް ނަފާކޮށްދޭ ލޯބިވެރިންގެ ސަފުގެ އެންމެ ކުރިން ޖާގަ ލިބިއްޖެއެވެ.

ލޯބި ހާސިލްވިތާ ކުޑަދުވަސްކޮޅެއް ފަހުން އަހަރެންގެ އުފަންރަށް "މަނަދޫ" އަށް ދަމުން ދިޔައީ ވަރަށް ބުރަމަސައްކަތުން ހިތުގެ އާދޭހާއި އެކު ނިހާވެސް ގޮވައިގެންނެވެ. ރަށުގެ ހުޅަނގު އުތުރު ކަންމަތީގައި އޮންނަ "ކަށިމަސް ތުނޑި" އޭ ކިޔުނު ބޮޑު ތުނޑިގައި ދެމީހުން މިނިވަންކަމާއި އެކަކު އަނެކަކާއި ސަކަރާތް ޖަހާ، ލޯބިން ސަމާސާކޮށް ހެދިއިރު އެބޮޑު ރަށުގައި ތިބީ އަހަރެމެން ދެލޯބިވެރިން އެކަންޏޭވެސް ބައެއްފަހަރު އިޙްސާސް ކުރެވެއެވެ. އެހާވެސް މިނިވަންކަން ބޮޑެވެ. ދުވަމުންގޮސް ދެމީހުން އެކީ މޫދަށް ވެއްޓިގަންނައިރު ތުނޑިމައްޗަށް ބީހެމުންދާ އޮމާން ރާޅުތަކުގައި އިތުރު ބާނިތައް އުފައްދާ، ހަލަބޮލި ކޮށްލައެވެ. ހުދު ޓީޝަޓުގައި ތެމިގެން ހުރި ނިހާގެ ހަށިގަނޑުގެ ކިއްސަރު ފާޅުވުމުން ޖަޒްބާތުތައް ކެކި އަރައިގަނެއެވެ. ކައިވެންޏަށް ފެންބޮވައިގަނެއެވެ. ތުނޑިމަތީގެ މަޑު ފަސްގަނޑުގައި  އެދުވަހު ލޮނާއި ތެމިގެން ތިބެ އެކަކު އަނެކަކަށް ވަކިނުވާން ވަޢުދު ތަކާއި ހުވާތައް ކުރެވުނީ މިއަދު އެނދުމަތީގައި އަތުރާފައި މިހިރަ ބޮލި ތަކުގެ ހާޟިރުގައެވެ. މިއީ މަނަދޫ ކަށިމަސްތުނޑިން ނިހާ ނެގި ބޮލިތަކެވެ. މާކަނާ ބަނޑިޔަލާއި، ފެންމަތީގަލާއި، ރިނދައްޔެވެ. އެހެންނޫންނަމަ، މިބޮލިތައް ފެނިގެން މާޒީވީ ފޮނި ފަލްސަފާގެ ވީޑިއޯ ހިތުތެރޭގައި މަންޒަރެއް ނުކުރެވޭނެއެވެ. 07 އަހަރު ވެގެން ދާއިރު މިފަދަ އެތަކެއް އަސަރުގަދަ މަންޒަރުތަކެއް ހިތުތެރޭގައި ފައިލްކުރެވިފައިވާއިރު، ކުރާނެ ފައިދާއެއް ނެތެވެ. ނިހާ އަހަންނާއި ވަތްކަނޑާލީއެވެ.

ހުރިހާވެސް މައްސަލައަކީ އެއްކަލަ ހަތްއަހަރެވެ. ނިހާގެ މައިންބަފައިން ކައިވެންޏަކަށް ކުރިއުންމީދުގެ ހަޤީޤީކުލަ 07 އަހަރުވެގެން ދިޔައިރުވެސް އަހަންނަށް ޖައްސާލެވިފައި ނެތުމެވެ. ހަތް އަހަރުވީއިރު ކެވުނު ވަރެއް މަދެއްވެސް ނޫނެވެ. ފާރަވެރިން ތިބީ ތައްޔާރަށެވެ. ދެންއޮތީ އަހަރެން ފަލީހަތްކުރުމަށް ނިހާގެ ބެސްޓް ފްރެންޑް ފެތުރި ވާހަކަތަކެވެ. އޮފީސް ކުދިންނާއި އެކު ޕިކްނިކް ދަތުރު ދިޔަ ފޯޓޯތައް، ކައިވެނިކުރަން 48 ދުވަހަށް ވެފައިވަނިކޮށް އިންޓަރނެޓްގައި އާއްމުކުރުމަކީވެސް އަހަންނަށް ލިބުނު އިތުރު ނިކަމެތި ކަމެކެވެ. މިހުރިހާކަމެއް މިހެންވެގެން ދިޔައިރުވެސް ނިހާ އެކަން ޤަބޫލެއް ނުކުރެއެވެ. އަދިވެސް ނިހާ އަހަރެންދެކެ ލޯބިވާނެކަން މެންދުރުގެ އިރުފެންނަ ފަދައިން އަހަންނަށް ޔަޤީން ކުރެވެއެވެ. އެހެންނަމަވެސް ނިހާގެ މައިންބަފައިން ބަދަލަކަށް ބޭނުންވީއެވެ. އެމީހުންވެސް ޑިމޮކްރަޓިކު ވެއްޓެއް ބޭނުންވީއެވެ. އަހަރެންގެ ލޯބީގެ ހަޔާތްވެސް މިއޮތީ ބަދަލުގެ މަޅީގައި ޖެހި ވާންވެފައެވެ. "އާއިލާ އެދޭގޮތަށް" ނިހާގެ ހިތްވެސް ދީލާލުވައި، "އަނެއް ފަރާތަށް" އެނބުރުނީއެވެ. "ފާގަތި ދިރިއުޅުމެއް" ލިބޭނެކަމުގެ އުންމީދުގައެވެ. (ނިމުނީ)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved