Home » » މީރާ - ޖެހިލުން ކުޑަ ނަމޫނާ އިދާރާއެއް

މީރާ - ޖެހިލުން ކުޑަ ނަމޫނާ އިދާރާއެއް

Written By Afey Afra on Sunday 30 December 2012 | 05:51


އެއީ ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސީދާ އާއްމު ފަރުދުންގެ އަތުން ދައުލަތަށް ޓެކްސް ނަގަން ފެށިގެން ދިޔައީ 2011 ވަނަ އަހަރުގެ އޮކްޓޯބަރ 02 ވަނަ ދުވަހުއެވެ. ނުސީދާކޮށް ނަގާ ޓެކްސް (އިންޑައިރެކްޓް ޓެކްސް) ނިޒާމެއްގެ ތެރެއިން ވިޔަފާރިވެރިން މެދުވެރިކޮށް ރައްޔިތުންގެ އަތުން މުދަލާ ޚިދުމަތުން ނެގޭ އަގު (ޖީ.އެސް.ޓީ) ނަގަން ފެށިގެން ދިޔައީ ޖީއެސްޓީގެ ޤާނޫނޫ ފާސްވިތާ އެންމެ މަހެއްގެ ތެރޭގައެވެ. މިކަމާއި ގުޅިގެން އެއީ ސިޔާސީ ކަމެއްގެ ގޮތުގައި އޭރުގައި ބައެއް
މީޑިއާތަކުންވަނީ ސިފަކޮށްފައެވެ. ދިވެހިރާއްޖޭގައި މުދާގަނެ ޚިދުމަތް ހޯދާ އާއްމު ހުރިހާ ފަރުދުންގެ އަތުން އިތުރަށް "ދައުލަތަށޭ ކިޔައިގެން ނަގާ ފައިސާ" ފިހާރަތަކުން ނުވަތަ ޚިދުމަތް ދޭތަންތަނުން ދައުލަތަށް ދައްކާނެކަމާއި މެދު ގިނަބަޔަކު ދިޔައީ ޝައްކުގެ ނަޒަރަކުން ވިޔަފާރިވެރިންނާއި ދިމާއަށް ނަޒަރު ހިންގަމުންނެވެ.


ބޮޑު ސުވާލު:
 2003 ވަނަ އަހަރު ޑްރައިވިންގ ލައިސަންސް ފޯމުގައި ޖެހުމަށްޓަކައި ރެވެނިއު ސްޓޭމްޕެއް ގަތުމަށް އިންލެންޑް ރެވެނިއު ޑިޕާރޓްމަންޓަށް އަޅުގަނޑު ދިޔައީމެވެ. އޭރުވެސް އެއިދާރާގެ ތެރޭގައި އެކިއެކި ހިދުމަތް ހޯދުމަށްޓަކައި ކިއުގައި މަޑުކޮށްގެން މީހުން ތިބިތިބުން އަޅުގަނޑަށް ސިފަވެގެން ދިޔައީ އެއިން ކޮންމެ މީހަކީވެސް ދައުލަތަށް ފައިސާ ލިބެން އޮތް ކޮޅެކެވެ. އަދި އެއިން ކޮންމެ މީހެއް އެތަނުން ހޯދާނެ ޚިދުމަތަކީވެސް ފައިސާ ދޭންޖެހޭ ބާވަތުގެ ޚިދުމަތެކެވެ. ގާނޫނުތަކަށް އައިބަދަލުތަކާއި އަދި އައުގާނޫނުތައް ވުޖޫދަށް އައުމާއި އެކު އެކިއެކި އިދާރާތައް އުފައްދަމުން އައި ދުވަސްވަރުގައި އިންލެންޑް ރެވެނިއުގެ މަސައްކަތްކުރަމުން އައި އިދާރާ ވަކި މުއައްސަސާއަކަށް ބަދަލުވެ "މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އުފެދިގެން ދިޔައެވެ.

ނަމަވެސް އޭރު ގިނަބަޔަކު ނުދަނެއެވެ. މީރާގެ ނަން ގުގުމައިގެން ދިޔައީ ޖީއެސްޓީ އާއި އެކުއެވެ. އަދި މިތާރީޚީ ދަންޑިވަޅު ވެގެންދިޔައީ ދައުލަތަށް ނަގާ ފައިސާ އާއި ގުޅޭ "އޮޅުންބޮޅުން" ބޮޑު ނިޒާމް ހިންގުމާއި އެކަމާއި ގުޅޭ ހިސާބުކިތާބު ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ މީރާ ގެ ޤާބިލްކަމާއި މެދު ބޮޑު ސުވާލެއް އުފެދިގެން ދިޔަ ދަނޑިވަޅަށެވެ. ޓެކްސްގެ ނިޒާމު ރަނގަޅަށް މޮނިޓަރކޮށް ނުބެލެހެއްޓޭނެ ކަމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ. މަކަރު ހަދާނެ މީހުން މަކަރު ހަދާނެކަމަށާއި އެކަންކަން އެންމެ ރަނގަޅު މަގުން ނުހިނގާނެ ކަމަށް ފާޅުގައި ހިޔާލުތައް ފާޅުކުރެވިގެން ދިޔައެވެ. ނަމަވެސް އޭގެ ޖަވާބު މީރާއިން ދިނީ "ފިނި" ގޮތަކަށް ނުހަނު ސާދާކަމާއި އެކު ޖީއެސްޓީއަށް އަހުލުވެރިކުރުވުމަށް މުޅި ރާއްޖޭގައި ފެށި ކެމްޕޭނާއި އެކުއެވެ.

ތަންފީޒު ކުރުމުގައި ބައި އިންޗިވެސް ފަހަތަށް ނުޖެހޭ!
ޓެކްސް ނަގަން ޖެހޭނެ މިންވަރު ކަންޑައެޅުމާއި ޓެކްސް ނަގަންޖެހޭ ބާވަތްތައް ކަނޑައެޅުމާއި، ޓެކްސް ދައްކަންޖެހޭ ފަރާތްތައް ކަނޑައެޅުމަކީ މީރާގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ. އެއީ ޤާނޫނީ ނިޒާމެެއްގެ ތެރެއިން ބައްޓަންކުރެވިގެން ޤާނޫނަކުން ލާޒިމް ކުރާކަމެކެވެ. ޖީއެސްޓީ ލުއިކޮށް ދިނުމުގައި މީރާއަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ތަކުރާރުކޮށް މީރާއިން ބުނަމުންދާ ބުނުމުންވެސް މިކަން ހާމަވެއެވެ. މީރާއަށް އޮތީ އެކަންކަން ތަންފީޒު ކުރުމެވެ. މީރާ ގޮވައިގެން އައްޑޫ ދެފަރާތަކުން ކޯޓަށް ދިޔަ ހަބަރު ޖޫންމަހު ލިބިގެން ދިޔައިރު، ޑިސެމްބަރު މަހުގެ ފަލަހަ ސުރުހީތަކަށް އަރައިގެންދިޔަ ހަބަރަކީ ކޯޓު އަމުރެއްގެ ދަށުން ތަނެއް ބާލާފާސްކުރުމަށް މީރާއިން ވަދެގަތް ޚަބަރެވެ. މީގެއިތުރުންވެސް ޖީއެސްޓީ ދެއްކުމަށް މީރާގެ "ހަރުއަޑުން" ގޮވަމުންދާ ގޮވުމާއި، ޖީއެސްޓީ ނުދައްކާ ފަރާތްތައް ގޮވައިގެން ކޯޓަށް ދާނެކަމާއި އަދި އެފަދަ ފަރާތްތަކުގެ އެކައުންޓް ފްރީޒްކުރާނެ ކަމުގެ ރަތްއިންޒާރު މީރާއިން ދިނުމުގެ ނަތީޖާއަކަށްވެގެން ދިޔައީ ރައްޔިތުންނަށް ލިބިގެން ދިޔަ ފުރިހަމަ އިތުބާރަކަށެވެ. އަދި ރައްޔިތުންގެ އަތުން އިތުރަށް ނަގާ ފައިސާއަށް ވިޔަފާރިވެރިންނަށް ބޭނުން އެއްޗެއް ނުހެދި ދައުލަތަށް އެފައިސާ ދައްކަން ޖެހޭނެ ކަމުގެ ގެރެންޓީ ލިބިގެން ދިޔަކަމަކަށް މިކަން ވެގެންދިޔައެވެ. ޓެކްސް ނުދައްކާ ކުންފުނިތައް ޖޫރިމަނާކޮށްލި ކޮށްލުމާއި ޓެކްސް ނުދައްކާ ފަރާތްތައް އާއްމުކޮށް އިއުލާންކުރުން ވެގެން ދިޔައީ ޓެކްސް ނިޒާމް ތަންފީޒުކުރުމުގައި މީރާއިން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ދަލީލަކަށެވެ. އަމިއްލަ ފަރާތްތަކަށް އޮޑިޓްކޮށްދޭ އޮޓިޑަރުން ނާޖާއިޒް ފައިދާ ނެގުމާއި އެކު އެމީހުންގެ ރިޕޯރޓްތައް އޮޅުވާލައިގެން މީރާއަށް ހުށާހަޅާކަމުގެ ޚަބަރު މީރާއިން "ފަޅާލުމާއި" ގުޅިގެން "އޮޑިޓަރުންގެ ވަގު ރިޕޯރޓްތައް" މިފަދަ ސުރިހީތައްވެސް މީޑިއާތަކުގައި ވިދަމުން ދިޔަދިޔުން ރަމްޒުކޮށްދިނީ  މީރާއޮތީ ޓެކްސް ނެގުމުގައި ނުހަނު ސާބިތުކަމާއި އެކު ފައިތިލަ ސާބިތުކޮށް، ހުރިހާ ދިމާއަކަށްވެސް ކަޅިއަޅައިގެންކަމެވެ.

ވަރުބަލިކަމެއްނެތި އޯގާތެރިކަމާއި އެކު ރައްޔިތުންގެ އުނގަށް..
ރަމަޟާންމަހަކީ އާއްމުގޮތެއްގައި ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްދޭ ކައުންޓަރުތައް ހުންނަ އޮފީސްތަކުގައި ބާރުބޮޑުވެގެންދާ މައްސަރެކެވެ. އެކަން އެގޮތަށް ދިމާވަނީ ރަމްޟާންމަހު ޚިދުމަތްދޭ ވަގުތުކޮޅުގެ މަދުކަމާއި އެކުއެވެ. ގިނަ ސިވިލް ސާރވަންޓުންވެސް ރަމްޟާން މަހު ބޭނުންވަނީ އަވަހަށް އޮފީސް ނިންމާލާފައި ގެއަށް ދިޔުމަށެވެ. ނަމަވެސް މިކަމުގައިވެސް މިރާގެ މިވައްޠަފުންވަނީ އެހެނިހެން ގިނަ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގޮންޖަހާލުމަށްފަހު ހަފްތާއަކު ހަދުވަހު މަސައްކަތްކޮށްފައެވެ. ޓެކްސްދައްކާ މުއްދަތުގެ ސުންގަޑި ހަމަވަން ކައިރިވުމުން މުއްދަތު އިތުރުކުރުމާއި ހަފްތާ ބަންދުގައި ހިދުމަތްދިނުމާއި އަދި އެފަދަ ދަނޑިވަޅުގައި ހިތުމަތްދޭ ވަގުތު ގިނަކުރުމަކީ މީރާއިން ރައްޔިތުންނާއި މެދު ބަހައްޓާ އޯގާތެރިކަމެވެ. އަދި އެކަން ސިފަވެގެން ދަނީ ޖޫރިމަނާ ކުރުމާއި ފިޔަވަޅުތައް އެޅުމުގެކުރިން ރައްޔިތުން އެކަމުން އެއްކިބާކުރުމަށް މީރާއިން ކުރާ ޚިކުމަތުގެ ސާފު ޢަމަލީ މަސައްކަތެއްގެ ގޮތުގައެވެ.

"މީރާ މެދުވެރިކޮށް ރެކޯޑް އަދަދަކަށް ފައިސާ ލިބިއްޖެ" މިފަދަ ސުރުހީ ތަކަކީ ހަމައެކަނި މީރާއިން ދެނީ އިންޒާރުގެ ބަސްތައް ނޫންކަމާއި އަމަލީގޮތުންވެސް އެކަން ސާބިތުކޮށްދޭކަމުގެ ފުރިހަމަ ހެއްކެކެވެ. ކޮންމެ މަހަކު އެއްފަހަރު ނުވަތަ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭ ފައިސާގެ އަދަދުތައް ހާމަކުރުމަކީ ރައްޔިތުންނަށް މީރާގެ މަސައްކަތް ބަލައިގަންނަށް މަޖުބޫރުކުރުވި މައިގަނޑު އެއްސަބަބެވެ. އަދި މީރާގެ ޤާބިލްކަމާއި މެދު ސުވާލުކުރަމުން އައިފަރާތްތަކަށް ދެވޭ ފުރިހަމަ ޖަވާބެކެވެ. މިރާއޮތީ ޚިދުމަތްދުނުމުގައި އާއި މައުލޫމާތު ހާމަކުރުމުގައި ރައްޔިތުންގެ "އުނގު" ގައެވެ.

ހޭލުންތެރިކުރުމުގައި ދެވަނައެއްނެތް!
ޖީއެސްޓީނަގަން ފެށުނު ދުވަސްވަރު މީރާގެ ޓީމުތައް އަތޮޅުތަކަށް ފުރަފުރައިގެން ދިޔަދިޔުމަކީ މީރާއިން އެންމެ ފުރަތަމަ ކުރިއަށް އެޅި މުހިންމު ފިޔަވަޅެވެ. ޖީއެސްޓީއަކީ ކޮންއެއްޗެއްކަން ރައްޔުތުންނަށް ހާމަކުރުމާއި އެކަމުގެ މުހިންމުކަން ރައްޔުތުންނަށް ހާމަކުރުމުގައި މީރާގެ މުވައްޡަފުން އެތަށް ކަނޑެއް ހުރަސްކޮށްފައިވެއެވެ. ޖީއެސްޓީ ނަގަން ފެށިތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ އިރު މިހާރު ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެއީ ކޮންއެއްޗެއްކަމާއި އެކަން ކުރަން ޖެހެނީ ކީއްވެކަމާއި އަދި އެކަމުގެ މުހިންމުކަން ވަނީ އެނގިފައެވެ. ނަމަވެސް އެންމެ ފުރަތަ ދުވަހު އެޅި ފިޔަފަޅާއި އެކު އަދި ވެސް މީރާއިން ދަނީ ޓެކްސްއާއި ބެހޭ މައުލޫމާތު ކެންޑި ނޭޅި މާސްމީޑިއާ މެދުވެރިކޮށް އިންތިހާއަށް ރައްޔިތުންނަށް ދެމުންނެވެ. މީރާއަކީ ހޭލުންތެރިކުރުމުގައި ނަމޫނާ އިދާރާއެކެވެ.

އިޤުތިޞާދު އިޤުތިޞާދަކަށް ހެދުމުގައި މުހިންމު ބައިވެރިއެއް:
ރޫފަހެޔޮ ރަނގަޅު އިޤްތިޞާދެއް ބިނާކުރުމުގައި ޓެކްސްގެ ނިޒާމަކީ އެންމެ މުހިންމު އެއް އަސާސެވެ. މެކްރޯ އިކޮނަމިކްސްގެ ނަޒަރިއްޔާއިން ބަލާއިރު ގައުމުގެ އިންފްރާ ސްޓްރަކްޗަރ ނުވަތަ އުމުރާނީ ތަރައްޤީގައި ޓެކްސްއަކީ މުހިންމު އުންސުރެކެވެ. މުޅި ރައްޔުތުންގެ ލާބައާއި މަންފާއަށްޓަކައި އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން ދައުލަތުން ކުރެވޭ ހޭދައިގައި މުޅި ރައްޔިތުންގެ އަތުން ނެގޭ ޓެކްސްއިން ލިބޭ އާއްމުދަނީ މުހިންމު ދައުރެއް އަދާކުރެއެވެ. އިޤުދިސާތީ މާހިރުން ޤަބޫލު ކުރާގޮތުގައި އެފަދައިން ދައުލަތުގެ އާއްމުދަނީއިން ކުރެވޭ ހޭދައަކީ ރައްޔުތުންގެ ފުރިހަމަ ހިއްސާއާއި އެކު އެމީހުންގެ ޖީބުން ކުރެވޭ ހޭދައެވެ. ހަޤީޤީ ރައްޔިތުންގެ ފައިސާއަކީ އެއީއެވެ.

އާއްމު ގޮތެއްގައި ޓެކްސް ނެގުމަށްޓަކައި ދެނިޒާމެއް ބޭނުންކުރެވެއެވެ. އެއީ ޑައިރެކްޓް ޓެކްސް އާއި އިންޑައިރެކްޓް ޓެކްސްއެވެ. ދިވެހިރާއްޖޭގައި އިންޑައިރެކްޓް ޓެކްސް ނިޒާމެއްގެ ތެރެއިން ޖީ.އެސް.ޓީ ނަގަމުން ދާއިރު ދުނިޔޭގައި ޓެކްސް ނަގާ ޤަމުތަކުގެ ނިސްބަތުން އެންމެ ދައް ރޭޓްގައި ޓެކްސް ނަގާ އެއްޤައުމަކީ ދިވެހިރާއްޖެއެވެ. ދިވެހިރާއްޖޭގެ އިޤުދިޞާދު ރަނގަޅުކުރުމުގައި މީރާގެ ހިއްސާއަކީ މުހިންމު ހިއްސާއެކެވެ. މީރާއަކީ ދައުލަތަށް އާއްމުދަނީ ވައްދުމުގައި މެދުވެރިވާ ފަލަ "ވައިނޮޅިއެވެ." އެއީ އޮއްޓަރުހުރި މުވައްޡަފުންތަކެއް ވާޒީފާ އަދާކުރާ ޖެހިލުންކުޑަ ނަމޫނާ އިދާރާއެކެވެ.



Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved